








މާޒިޔާ އާއި އޮޑި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާޒިޔާ
ދިވެހި ޕްރެމިއާ ލީގުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުގައި އެންމެ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ފާއިތުވެދިޔަ ފަސް އަހަރު ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އިން މިސީޒަނުގައި މިހާތަނަށް ދެ ތަށި ކާމިޔާބުކޮށްފައިވާއިރު، މިއަހަރުގެ ކަޕް ވިނާސް ކަޕްގައި މި ދެ ޓީމު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ އިންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު މާޒިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއަށްއަނިޔާވެގެން ބަދަލުގައި ކުޅެން ނިކުތް ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ކުކޫ އެވެ.
ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވިއްސާރަ ބޯވާރޭގެ ތެރޭގައި މެޗު ކުރިއަށް ގެންދިޔައިރު، ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ވިއްސަކަށް މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.
ލައިޓިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްގެން އަލުން ކުޅެން މެޗު ފެށީ ފުރަތަމަ ހާފު ހުއްޓާލި ހިސާބުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 21 މިނެޓު ކުޅުނު ނަމަވެސް ހާފު ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
ބޯ ވާރޭގެ ތެރޭގައި ކުޅުނު ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، އޮޑިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮޑީގެ އަބްދުﷲ ޖުނައިދުއަށް މެޗުގެ ރެފްރީ ސީދަ ރަތެއް ދައްކައި ދަނޑު ފޮނުވާލީ، ބޯޅަ ނެތިސް މާޒިޔާގެ ބެނިން މިޑްފީލްޑަރު، ގޯމޭޒަށް ހަމަލާ ދިނުމުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އަހުމަދު އައިހަމް އެވެ.
ލީގުގެ ދެވަނަ މެޗުގައި މިއަދު ހަވީރު 16:00 ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ރަށުން ބޭރުގައި ނުކުންނާނީ ގައްދޫ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައްދޫ ފުޓްބޯޅަ ދަނޑުގައެވެ. އަދި މިއީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ލީގު މެޗެއް މާލެއިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.








