





%20(6).jpeg?w=3840&q=75)


WxUaY0gTOabsqGUspuJfYlv2ZKXJuMoK9bWfjNtM
ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން މެއި މަހު، ކިއުބާއިން 26 ޑޮކްޓަރަކު ރާއްޖެ އަންނާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުންގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މަޖިލީހުގެ މިއަދު ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިމައްސަލައަކީ ޞިއްޚީ ދާއިރާގައި މިވަގުތު އޮތް އެންމެބޮޑު އެއްމައްސަލަ ކަމަށެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުންތަކެއް ރާއްޖެ ދޫކޮށް ދިއުމާއި ގުޅިގެން ބަދަލުގައި ޑޮކްޓަރުން ހޯދުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށާއި، ޚާއްސަކޮށް މިސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކިއުބާއިން މޭމަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑިކްޓަރުން އައުމަށް ހަމަޖެހިފައިވާކަމަށާއި، އެއާއިއެކުވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ޑޮކްޓަރުންގެ ދަތިކަމަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ބަޖެޓް ކުރެވިފައިވާ ރަށްރަށުގެ ޞިއްޙީ މަރުކަރުކަޒުތަކާއި، އާބާތުރަ ފިލުވުމަށް ބަޖެޓް ކުރައްވާފައިވާ ހޮސްޕިޓަލުތަކާއި، މަރުކަޒުތަކާއި ގުޅިގެން މިއަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުރި މުވައްޒިފުންގެ ދަތިތަކަށްވެސް މިއަހަރުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.








