





%20(6).jpeg?w=3840&q=75)


ރަސްމާލެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވި، ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ދޮގުވާހަކަތަކެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަމުން ދަނީ އެ ސަރަހައްދުގައި އިސްރާއީލް މީހުން ވަޒަންވެރިކުރުވައި، އެ މީހުންނަށް ޕްރޮޕަޓީތައް ވިއްކަފާނެ ކަމަށް ބުނާ މައްސަލައެވެ.
މިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ބިދޭސީ އާބާދީއެއް އޮވެ، އެހެން ދީންތަކަށް ފުރުސަތު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ހަގީގަތަކަށް ހަދައިދޭނެ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށެވެ.
އެހެން ނަމަވެސް، އެ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެތަނުގައި އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވައި، މިކަމުގައި ކަންބޮޑުވުން ހުރި އާންމު ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.








