




%20(6).jpeg?w=3840&q=75)


%20(6).jpeg?w=1920&q=75)
-
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަކީ ދެކުނު އޭޝިއާގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާކާރު އަދި އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. އިދާރީ ހިންގުންތެރިކަމުގެ ރެކޯޑަކާއި، ސިޔާސީ އެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ދަތުރަކާއެކު، ޝެހްބާޒް ޝަރީފް ވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވެސް ސަރަޙައްދީ ޞުލްޙައާއި ގުޅުންތައް ބަދަހިކުރުމަށް އިސްކަންދެއްވާ ލީޑަރަކަށެވެ.
ޝެހްބާޒް ޝަރީފް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ޕާކިސްތާން މުސްލިމް ލީގް ( ނަވާޒް) . ޕީއެމްއެލް-އެން ޕާޓީގެ އިސް ލީޑަރެއްގެ ހައިސިއްޔަތުންނެވެ. ޕާކިސްތާނުގެ އެންމެ މުހިންމު އަދި އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ (ޗީފް މިނިސްޓަރު) ކަމުގެ މަޤާމު ތިން ފަހަރެއްގެ މަތިން ފުރުއްވައި، އެ ސަރަޙައްދުގެ އުމްރާނީ ތަރައްޤީއަށާއި ޒަމާނީ މަޝްރޫޢުތަކަށް އެމަނިކުފާނު ވަނީ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އަދި 2022 ވަނަ އަހަރު ޕާކިސްތާނުގެ ވެރިކަމުގައި އޮތް ކުރީގެ ސަރުކާރު ބަދަލުވެ، ޤައުމަށް ދިމާވި އިޤްތިޞާދީ އަދި ސިޔާސީ ބޮޑު ކާރިސާއެއްގެ ތެރެއިން، ކޯލީޝަން ސަރުކާރެއްގެ ބޮޑުވަޒީރުކަމާ އެމަނިކުފާނު ފުރަތަމަ ފަހަރަށް ޙަވާލުވެވަޑައިގެންނެވިއެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބަށްފަހު، އަލުން ކޯލީޝަން ސަރުކާރެއް އެކުލަވާލައި، ޕާކިސްތާނުގެ 24 ވަނަ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެން، ޤައުމުގެ އިޤްތިޞާދު ކޮޅަށްޖެހުމަށާއި ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުން ހަރުދަނާކުރުމަށް ފޫގަޅައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނެވެ.
ޝެހްބާޒް ޝަރީފްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ އަވަށްޓެރި ޤައުމުތަކާއެކު އިސްލާމީ ގައުމުތަކާއި ސުލްހަވެރިކަމާއެކު އެކުގައި މަސައްކަތްކުރުމާއި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ޕާކިސްތާނަކީ ޒިންމާދާރު ޤައުމެއްގެ ގޮތުގައި ދެއްކުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ޚާއްޞަކޮށް، މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް އަދި ޕާކިސްތާނު ގުޅިގެން އެކުލަވާލި ދިފާޢީ އަދި ސަރަޙައްދީ އެއްބަސްވުންތަކުގައި ޝެހްބާޒް ޝަރީފް އަދާކުރެއްވި ދައުރަކީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދައްކުވައިދިން ކަމެކެވެ. މިއީ ސަރަޙައްދީ ޞުލްޙައަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. ވަކީން ޚާއްސަކޮށް މެދުއިރުމަތީގައި އިރާނާއި އެމެރިކާގެ މެދުގައި އުފެދުނު ހަނގުރާމަ ފިނި ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ޝެހްބާޒުގެ ލީޑަރޝިޕުގެ ދަށުން ޕާކިސްތާނުންނެވެ.
ދެކުނު އޭޝިއާގެ ސަރަޙައްދީ ޖަމިއްޔާ (ސާކް) ގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުމަށް ޙައްލެއް ހޯދުމަށާއި، ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި އެކުވެރިކަން އާލާކުރުމަށް ޝެހްބާޒް ޝަރީފްގެ ސަރުކާރުން ބާރުއަޅުއްވައެވެ. ޕާކިސްތާނާއި އެހެނިހެން ސާކް ޤައުމުތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، އިޤްތިޞާދީ އަދި ޘަޤާފީ ގޮތުން ގުޅިގެން މަސައްކަތްކުރުމަކީ ސަރަޙައްދުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންކަމެއްކަމަށް އެމަނިކުފާނު ޤަބޫލުކުރައްވައެވެ.





%20(6).jpeg?w=3840&q=75)


