






%20(6).jpeg?w=3840&q=75)

މި އަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ސިލްވާ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން (ޢެމްފީއޭއޯ) ހަމަޖައްސައިފި އެވެ.
އެންމެ ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2024)ގައި ޕެނަލިސްޓެއްގެ ގޮތުގައި އެމް.ޕީ.އޭ.އޯ އިން ބައިވެރިވެފައިވެ އެވެ.
ޒަކާތު ހައުސްއިން ވަނީ އެމް.ޕީ.އޭ.އޯއިން މި ކޮންފަރެންސަށް ދެއްވާ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ދަމަހައްޓަމުން ގެންދާ ގުޅުން ފާހަގަކޮށް ޝުކުރު އަދާކޮށް ފައެވެ. އަދި މި ބައިވެރިވުމުން ރަމްޒުކޮށްދެނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށާއި، މަޝްވަރާކޮށް، ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަންކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މި މަހުގެ 28 ވާ ބުދަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
ޒަކާތު ހައުސްގެ އުންމީދަކީ މި ބައިވެރިވުމުގެ ތެރެއިން އެމް.ޕީ.އޭ.އޯއާ އެކު ގާތުން މަސައްކަތްކުރުމަށާއި، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި މަސައްކަތްތަކަކަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދިއުން ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން ޒަކާތު ހައުސްއިން ބުނީ އެމް.ޕީ.އޭ.އޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ އިންޒެކް 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ އަދި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއްކަމަށެވެ.







%20(3).jpeg?w=3840&q=75)
