
އާބާދީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ހޯދުން މުހިންމު ކަމުގައި ހެލްތު މިނިސްޓަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ "ޕަލްސް، އާބާދީގެ ވިންދު 2045 އެގްޒިބިޝަން" ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.ޒަމާނީ ގޮތަކަށް އާބާދީއާއި ގުޅުން ހުރި މަޢުލޫމާތުތައް ލިބިގެންދާ މި އެގްޒިބިޝަނަކީ ޒުވާނުންނަށް ޝައުގުވެރި އެގްޒިބިޝަނަކަށް ވާނެކަމަށާއި މި އެގްޒިބިޝަނުން ގިނަ ބަޔަކު ދެކޭގޮތް ހާކުރުމުގެ ފުރުޞަތު ލިބިފައިވުމާއެކު ވީހާވެސް ގިނަ ބަޔަކު އެގްޒިބިޝަންގައި ބައިވެރިވުމަށް ވެސް މިނިސްޓަރއެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ރާއްޖެއަކީ އުފެދުމުގައި ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮތް ޤައުމަކަށްވުމަކީ ޑިމޮގްރަފިކް އަދި އެހެނިހެން ގޮތްގޮތުން އަލަށް އުފެދެމުން އަންނަ އޮއިވަރުތައް ދެނެގަތުމުގެ އިތުރުން، އެ ކަންކަމަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުސްތަގުބަލާ މެދު ވިސްނާއިރު، އަޅުގަނޑުމެން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް އާބާދީއަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫންކަމަށާއި އެއީ ހުރިހާ ޖީލުތަކަކަށް އިންސާފާއި، ފުރުސަތުތަކާއި، ފެންވަރު ރަނގަޅު ދިރިއުޅުމެއް ކަށަވަރުކޮށްދިނުމާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.












