




%20(6).jpeg?w=3840&q=75)



ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
ދައުލަތުގެ މާލީ ކަންކަމަށް ފާރަވެރިވެ، މާލީ ކަންކަން ހިނގާ ގޮތް ބެލުމުގެ އެންމެ އިސް ދައުރެއް އޮންނަ އޮޑިޓާ ޖެނެރަލް (އޭޖީ)ގެ އޮފީހަށް 2027 ވަނަ އަހަރަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އޭޖީގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު އިއްވިއެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރު، ރައްޔިތުންގެ ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު މަމްދޫހު، އެ ރިޕޯޓް އިއްވަމުން ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަކޮށް ކަމަށެވެ.
އެ އޮފީހުން ރިކަރެންޓް ހަރަދަށާއި އޮފީސް ހިންގަން ބޭނުންވާ ހަރުމުދާ ހޯދަން ކުރާ ހަރަދުގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 90.09 މިލިއަން ރުފިޔާ އެވެ. އެ ކަންކަމަށް ހަރަދުކުރަން މިއަހަރަށް ލަފާކުރީ 92.1 މިލިއަން ރުފިޔާ އެވެ. އެހެންވެ އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދަކީ 2.7 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އޮޑިޓް އޮފީހުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައި އޮތީ 85.8 މިލިއަން ރުފިޔާއެެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.
އެގޮތަށް ނިންމައި މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފާސްކުރި ބަޖެޓްގެ ބޮޑު ބައެއް އެ އޮފީހަށް އިމާރާތެއް އަޅަން ހަރަދުކުރާ ގޮތަށް އޮތް ނަމަވެސް އެއީ ބޮޑު ބަޖެޓެއް ކަަމަށެވެ. އެވަރުގެ ބަޖެޓަކާ އެކު ޒިންމާދާރު މަސައްކަތްތަކެއް ކުރަން ބައެއް މެންބަރުން އެއޮފީހަށް ގޮވާލެއްވިއެވެ.




