





%20(6).jpeg?w=3840&q=75)


-
ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާވާ ކުންފުނި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފިި އެވެ.
ޕީސީބީން މިއަދު ބުނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ގދ. ތިނަދޫ، ޕެންޒީމާގެ، އިސްމާޢީލް ފަރުހާދު އަޙްމަދު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އުފެއްދެވި ސަރުކާރުގެ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓްތައް ބަލްކްކޮށް (ގަނޑުކޮށް) ގަނެގެން ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. އަދި ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ ސާމާނު މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް އިތުބާރާއެކު ފޯރުކޮށްދިނުމުގެ އެންމެހައި ނިޒާމުތައް ހަރުދަނާކޮށް ހިންގުމެވެ.
ދިވެހި ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މި ކުންފުންޏަކީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޭނުންވާ އަސާސީ ބޭހާއި ވަސީލަތްތައް ހެޔޮ އަގުގައި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ވަރަށް މުހިންމު ސްޓްރެޓީޖިކް ފިޔަވަޅެކެވެ.




