.jpeg?w=3840&q=75)

.png?w=3840&q=75)






l_1585858120621y27
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަނބުރާ އިޔާދަވަމުންދާ ކަމަށް ވާރލްޑް ބޭންކުން ބުނެފިއެވެ.
ވާރލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ރާއްޖެ މިހާރު އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ކާރިޘާ އިން އަރައިގަތުމުގެ މަގުމަތީގައި ކަމަށެވެ. ނަމަވެސް، މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިޤްތިޞާދީ ކާރިޘާ އިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިޘާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކޮށް އިޤްތިޞާދު ފުޅާކުރުމަށް އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ޚިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުން އައި ދަތުރު ވަނީ ކޮވިޑް-19ގެ ކާރިޘާގެ ތެރޭގައި ބާރުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޑިޖިޓަލައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓް ގެ ނަމުގައި ނެރުނު ދެކުނު އޭޝިއާގެ އިޤްތިޞާދީ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިގޮތަށް ލަފާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރައި، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި ހިނގާ 2021 ވަނަ އަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
.jpeg?w=3840&q=75)

.png?w=3840&q=75)





