






.jpg?w=3840&q=75)

މާޒިޔާ ކުޅުންތެރިން އެމްއެސް މޭޓްސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިރޭ ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 16-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މާޒިޔާ އިން ތާވަލުގެ ކުރީގައި އޮތް ނިއުރޭޑިއަންޓާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި އެމްއެސް މޭޓްސް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ހެންވޭރު ދަނޑުގައި މިރޭ ކުޅުނު މެޗުގައި މޮޅަށް ކުޅެ މާޒިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 7-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ މެކްލީންސް ހަތް ލަނޑު ކާމިޔާބުކުރިއިރު، ސަފީނާ ރުޝާނިޔާ ވަނީ މިމެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި މާޒިޔާގެ ޝަހުލާ ތައުފީގް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މޫނިސާ އަދި އާމިނަތު ޒާހިޔާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ސަފީނާ ރުޝާނިޔާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް ހޯދި 12 ޕޮއިންޓާއި ފައިދާ 31 ލަނޑާއެކު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތްއިރު، މިމެޗުން ބަލިވި ދަ ގްރާންޑޭ އިން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އަދި ތާވަލުގެ ކުރީގައި ނިއު އޮތީ ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއި ފައިދާ 35 ލަނޑާއެކު އެވެ
ލީގުގައި މާޒިޔާއަށް ކުރިއަށް އޮތީ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ 20:00 ގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅެ މެޗެވެ. އަދި އެދުވަހު ހަވީރު 16:00 ގައި ފަށާ މެޗުގައި ދަ ގްރާންޑޭ އިން ނުކުންނާނީ އެމްއެސް މޭޓްސް އާއި ދެކޮޅަށެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ލީގު ފަހު މެޗުގައި މާޒިޔާ ނުކުންނައިރު، އެމެޗު ތިން ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށް ލީގު ހޯދުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ. އަދި އެމެޗު އެއްވަރުވެ ނުވަތަ ތިން ލަނޑަށްވުރެ ކުޑަތަފާތަކުން ބަލިވި ނަމަވެސް ލީގު ޗެމްޕިއަންކަން ލިބޭނީ ނިއުރޭޑިއަންޓަށެވެ.








