
ހުކުރު ނަމާދުގެ ތެރެއިން
މާތް ނަބިއްޔާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށާއި، އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާކޮށްދީފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތި ރަސޫލާ ދެކެ ލޯބިވުން މި މައުލޫއަށެވެ.
އެގޮތުން ކީރިތި ރަސޫލާ ފޮނުއްވުމުގެ ކުރީން ދުނިޔެ އޮތީ ބުދަށާއި، ގަސްގަހާގެއްސާއި އަލިފާނަށް އަޅުކަންކުރުމާއި، އިންސާނުން އަޅުވެތިކޮށް ވިއްކުމާއި، އަންހެންދަރީން ދިރިތިއްބައި ވަޅުލުން ފަދަ ނުރައްކާތެރި ޖާހިލިއްޔަކަމެއްގެ ތެރޭގައި ކަން ހުތުބާއިގައި ފާހަގަކުރި އެވެ. ނަމަވެސް، މާތް ﷲ އެކަލޭގެފާނު ފޮނުއްވީ މުޅި އިންސާނިއްޔަތު ސަލާމަތްކުރައްވައި، ޢާލަމްތަކަށް ރަޙުމަތެއް އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައިކަން ހުތުބާގައި ފާހަގަކުރި އެވެ.
"އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކުކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައެވެ. އަދި މާތް اللهގެ ދީނަށް، އެކަލާނގެ އަމުރުފުޅާ އެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކުކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއް ފަދަ ބޭކަލަކުކަމުގަ އެވެ." ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކީރިތި ރަސޫލާއަށް އީމާންވުމަކީ އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް އިޙުތިރާމް އަދާކުރުމެވެ. އަދި އެކަލޭގެފާނަށް ނަފުރަތުކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަމަށްވާއިރު، އެފަދަ ފަރާތްތަކަށް މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލައްވައި، ވޭންދެނިވި ޢަޛާބު ތައްޔާރުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މީގެއިތުރުން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދިފާޢުކުރުމަކީ ދީނީ ވާޖިބެއްކަން ފާހަގަކުރައްވައި، ޞަޙާބީ ޙައްސާން ބިން ޘާބިތު އެކަލޭގެފާނުގެ ދިފާޢުގައި ޅެން ވިދާޅުވުމުން ޖިބްރީލުގެފާނުގެ ވާގިވެރިކަން ލިބިވަޑައިގަންނަވާނޭ ކަމަށް ޙަދީޘްކުރެއްވިކަން ޚުޠުބާގައި ބަޔާންކުރި އެވެ. އަދި އެކަލޭގެފާނު ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ ތެދު ބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވެ އެކަލޭގެފާނަށް ކިޔަމަންގަތުން ކަމުގައި ޚުޠުބާގައި ނަޞޭޙަތްތެރިވި އެވެ.












%20(2).jpeg?w=3840&q=75)


.jpeg?w=3840&q=75)
