.jpeg?w=3840&q=75)





.jpeg?w=3840&q=75)


ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ މީދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަކީވެސް މަސްވެރިކަމެކޭ އެއްފަދައިން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ މުހިންމު ސިނާޢަތެއްކަމަށެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ޒިންމާއެއް އޮތީ ސަރުކާރުގެ އަތްމަތީކަމަމަށެވެ.
ރާއްޖެ އުފެދިފައިވާ ގޮތާއި ބިންތިރި ޖަޒީރާ ޤައުމަކަށްވުމުން، އެހެން ޤައުމުތަކާ އަޅާބަލާއިރު ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ގިނަ ކަމަށާއި އެހެންކަމުން، ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ %90 އަށްވުރެ ބޮޑުބައި އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އަހަރަކު 60 މިލިޔަން ޑޮލަރުގެ މޭވާއާއި ތަރުކާރީ އެތެރެކުރާއިރު، އޭގެ ތެރޭގައި 73 މިލިއަން ރުފިޔާގެ ކަރާ އަދި ވޭތުވެދިޔަ އަހަރު އެކަނިވެސް 105 މިލިޔަން ރުފިޔާގެ ކެބެޖާއި ލެޓިއުސް އެތެރެކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން މަދުކުރުން ކަމަށާއި، މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދަނޑުވެރިންނަށް ދޭ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
.jpeg?w=3840&q=75)





.jpeg?w=3840&q=75)

