

.jpg?w=3840&q=75)





DJI_0320
ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ގދ. ތިނަދޫގައި ޖުމްލަ ހަތަރު މަޝްރޫއެއް އަލަށް ފެށުމަށް ހިމަނާފައިވެއެވެ. އަދި އެ ހަތަރު މަޝްރޫއާއެކު ޕްރި ޓެންޑަރިން އާއި ރިޓެންޝަންގައި ޖުމްލަ 26 މަޝްރޫއެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ތިނަދޫ އިރުމަތީ ފަރާތު ބޭރު ތޮށްޓެއް ލުމާއެކު އެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރުމެވެ.
ތިނަދޫގެ އިރުމަތީ ފަރާތުގައި ބޭރު ތޮށްޓެއް ނެތުމުގެ ސަބަބުން މޫސުން ބަދަލުވާއިރު ވަރަށް ބޮޑަށް ރަށަށް އުދަ އަރައެވެ. އަދި އެފަދަ ދުވަސްތަކުގައި ކަނޑު ގަދަވުމާ ގުޅިގެން ފަޅުގައި އަޅާފައި ހުންނަ އުޅަނދުފަހަރަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމުގެ ޝަކުވާ އަކީ ތިނަދޫގައި އާންމު ކަމެކެވެ.
އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ތިނަދޫގައި ބޭރު ތޮށްޓެއް ލުމާއެކު ކުރީގެ ޖެޓީ މަރާމާތު ކުރުމަށް ޚަރަދުކުރުމަށް ހިމަނާފައިވީ ނަމަވެސް އެ ކަމަށް ޚަރަދުވާނެ މިންވަރެއް ޖަހާފައި ނުވެއެވެ. ބޭރު ތޮށްޓެއް ތަރައްގީ ކުރުމާއެކު ހަމަ އެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރުމުގެ ބޭނުމަށް ބިން ހިއްކުމަށްވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވަނީ 5.5 މިލިއަން ރުފިޔާއެވެ.
ތިނަދޫގައި އަލަށް ފެށުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް:
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތް
ގދ. ތިނަދޫ ސިންތެޓިކް ޓްރެކް ތަރައްޤީކުރުން
ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން
ގދ. ތިނަދޫ މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުން
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޕީއެސްއައިޕީ ބައިން ހުވަދު އަތޮޅަށް ކަނޑައަޅާފައިވަނީ 188 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ގއ. ވިލިނގިއްޔަށެވެ. އެރަށަށް 37 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ދެވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ތިނަދޫއަށް ކަނޑައަޅާފައިވަނީ 35 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ތިން ވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ގައްދޫ އަށެވެ. އެ ރަށަށް ކަނޑައަޅާފައިވަނީ 27.5 މިލިއަން ރުފިޔާއެވެ.


.jpg?w=3840&q=75)





