




މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މި ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެ ކަމަށެވެ.
މި ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނި ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ އިނާމު ދެއްވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ 57 ބޭފުޅުންނަށެވެ. އެއީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި 6 ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނަށާއި، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލު ކުރި އެއްފަރާތަކަށެވެ.
ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.



