






.jpg?w=3840&q=75)

މަސްވެރިންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި ފޯރިގަދަ މަސްރޭހެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވާދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޑިސެމްބަރ 12 އާއި 26 އާ ދެމެދުގެ ތާރީޚެއްގައެވެ. އަދި މި މުބާރާތް ބާއްވާނެ ސީދާ ދުވަހެއް ކަނޑައަޅާނީ މޫސުމަށް ބެލުމަށްފަހު ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު (https://www.forms.mv/vmzQh) ފުރިހަމަކުރުމަށްފަހު، 2026 ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. މި މުބާރާތް ކުރިއަށްދާނީ "މަސްބޭނުމުގެ މުބާރާތާއި ބެހޭ އުޞޫލު – 299/2025/3" ގެ ދަށުންނެވެ.
މީގެއިތުރުން، މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތާއި، އެކި ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތުވެސް ޢާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު މަސްރޭސް ބާއްވާ ތާރީޚާ ހަމައަށް އޮންނާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ވާދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ފޯނު ނަންބަރު 4000299 އަށް ގުޅުއްވައިގެން، އަދި [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޙަރަކާތްތައް ރާވަމުންދާއިރު، ވާދޫ ކައުންސިލުން އިންތިޒާމުކުރާ މި މަސްރޭހަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، މަސްވެރިކަމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ޙަރަކާތެކެވެ.


.jpg?w=3840&q=75)
