


.jpg?w=3840&q=75)




އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީން ކަމަށާއި، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުގެ މައިގަނޑު އެއް މަޤުސަދަކީ ރިވެތި އަހުލާޤު ފުރިހަމަކުރެއްވުން ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފި އެވެ.
މިއަދުގެ ހުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހެޔޮކަމުގެ މީޒާނުގައި ރިވެތި އަހުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވެ އެވެ. އަދި ރިވެތި ޚުލްޤުގެ ސަބަބުން ރޭ އަޅުކަންކޮށް، ސުންނަތް ރޯދަހިފުންމަތީ ދެމިހުންނަ މީހެއްގެ ދަރަޖައަށް ވާޞިލުވެވޭނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވާކަން ފާހަގަކުރި އެވެ. ނަމަވެސް، އަހުލާޤީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކެއް ކަމުގައި ވީނަމަވެސް، މިއަދު ބައެއް މީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް ކަމުގައި ހުޠުބާގައި ފާހަގަކުރެއްވި އެވެ.
އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި، މީހުންނާއި މުއާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނޭކަން ފާހަގަކުރަމުން، ދިރިއުޅުމުގައި ކުރިމަތިވާ އެކި ބަލިމަޑުކަމާއި، ތަނަވަސްކަމާއި ދަތިކަމަކީ މާތް ﷲ ގެ އިމްތިހާނުތަކެއް ކަމަށް ހުޠުބާގައި ބަޔާންކުރި އެވެ. އެހެންކަމުން، ދަތި ހާލަތްތަކުގައި ވެސް ކެތްތެރިކަން އިސްކޮށް، އެހެން މީހުންގެ މުދަލަށް އަރައިގަތުމާއި ވައްކަން ކުރުން ފަދަ ނޭދެވޭ އަމަލުތަކުން ދުރުހެލިވާން ޖެހޭނެ ކަމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ބަސްމޮށުމުގައި މަޑުމައިތިރިކަން އިސްކުރުމަށާއި، ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު އޯގާތެރިކަމާ އެކު މުއާމަލާތުކުރުމަށް ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަގައި އިރުޝާދު ދެއްވި އެވެ.
މީގެ އިތުރުން ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނަކީ ރިވެތި އަހުލާޤުން މުޖުތަމައު ޒީނަތްތެރިވެފައި ވުން ކަމަށް ޚުޠުބާގައި ވިދާޅުވި އެވެ. މިއަދު މުސްލިމުން ތަޢުލީމާއި، ޞިއްޙަތާއި، ޓެކްނޮލޮޖީ އަދި އިޤުތިޞާދީ ގޮތުން ކުރިއަރައިދިޔަ ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތައް ނެތް ނަމަ އެއީ ޙަޤީޤީ ކުރިއެރުމެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފަންނާއި ހުނަރުގެ އިތުރުން އަޚުލާޤީ ގޮތުން ވެސް ކުރިހޯދި ފަދައިން މިއަދު ވެސް އެ މަގުން މަސައްކަތްކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ އަޑުއިވޭ ހެޔޮ ބަސްތައް ކަނުލައި އަޑުއެހުމަކީ ރިވެތި އަޚުލާޤުގެ ތެރެއިން ވާ ކަމެއް ކަމަށާއި، ވަކިން ހާއްސަކޮށް ހުކުރު ޚުޠުބާގައި ދެވޭ އިރުޝާދުތަކަށް ފަރުވާތެރިވެ ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް ކަމަށް ހަނދާންކޮށްދީފަ އެވެ.



.jpg?w=3840&q=75)




