






.jpg?w=3840&q=75)

ހުޅުމާލޭގެ ހިއްކިބިމުގައި (ހުޅުމާލެ 3ގައި) ގާއިމުކޮށްފައިވާ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ހުޅުމާލެ 2އާ ހަމައަށް ސަރަހައްދުތަކަށް ދުމުގެ އަސަރު ކުރަމުންދާތީ މިކަމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.
ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަވީރު 15:59 ހާއިރު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އޭގެފަހުން އެ ސަރަހައްދުން ދަނީ ދުން އަރަމުންނެވެ. އަދި ބައެއް ވަގުތުތަކުގައި އަލިފާނުގެ އަސަރުވެސް ދަނީ، ފެންނަމުންނެވެ.މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ވަނީ، ހުޅުމާލޭގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުމާލެ 2ގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ދުން ފެތުރިފައިވާތީ އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުނިކުތުމާއި، އެސަރަހައްދުތަކަށް ނުކުންނަނަމަ އަނގަޔާއި ނޭފަތް ނިވާކޮށްގެން ނިކުތުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
އެޗްޕީއޭއިން ވަނީ، ގޭގެ ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ނޭވާ ކުރުވެ، އެއްވެސް އުނދަގުލެއްވާނަމަ، އަދި ގަދަޔަށް ކެއްސުމާއި ބޯއެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން އެޗްޑީސީންވެސް ވަނީ، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދެއްވާއެވެ. އަދި މި ސަރަހައްދު އާންމު ހާލަތަށް ގެނައުމަށް އެޗްޑީސީ އަދި ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 13:57 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ، އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންވެސް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.އެ ސަރަހައްދުގައި މިހާރު އެކްސްކަވޭޓަރު ބޭނުން ކޮށްގެން ކުނިތައް ހާވައި، އަލިފާނުގެ އަސަރު ހުރި ތަންތަން ނިއްވާލުމަށް ފެން ޖަހަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.