





.jpg?w=3840&q=75)

އިރު އޮއްސެން އުދަރެސް ރަން ވެއްޖެއެވެ. އިރު އޭގެ ވާޖިބު އަދާކޮށް، ދުވަހުގެ ދަތުރު ނިންމައި، ބުރެއް ފުރިހަމަކުރަން އުޅޭކަމުގެ ޤުދުރަތީ ފުރިހަމަ ޢަލާމާތްތައް ފެންނަން ފަށައިފިއެވެ. އުޑުމައްޗާއި ކަނޑުގެ ލޮނުގަނޑަށް މަޑު ރަން އަދި އަލިގަދަ ރަތް ކުލައިގެ ދޯދިތައް ފެތުރި، މުޅި ކާއިނާތު ރަންރިހިން ޖަރީވަމުން ދިޔަ ހިތްގައިމު ވަގުތެކެވެ. ރާޅުތަކުގެ ބީހިލުމާއެކު ދިއްލެމުން ދިޔަ އެ ދޯދިތައް، ހިތަށް ގެނެސްދެނީ ބަޔާންކުރަން ދަތި ފުން އަސަރުތަކެކެވެ. އިސާހިތަކު، އެ ދެއްކި ހިތްގައިމު ކުލަވަރާއެކު، އިރު ދުނިޔެއާ އަލްވަދާޢު ކިޔައި، އޮބިއްޖެއެވެ. ލަސްލަހުން މުޅި މާޙައުލަށް އަނދިރިކަމުގެ ބޯ ސާލެއް ވެރިވެއްޖެއެވެ. ކުއްލިއަކަށް ހުޅަނގު އުދަރެހުން ވިލާބޯވެ، މުޅި އުޑުމަތި ބަނަކޮށްލިއެވެ. ތެތްފިނި ރޯޅިތަކެއް އައިސް ހަށިގަނޑުގައި ބީހެން ފެށިއެވެ. މޭދަށަށް ފިނިވެ، މުޅި ގައިން ހީބިހި ނަގަން ފެށިއެވެ. ހީކުރީ ވަރުގަދަ ބޯކެރިގަނޑެއްގެ އަލާމާތެއް ކަމަށެވެ. ނަމަވެސް، ނަސީބަކުން އެއީ "އޮއިކަޅެކެވެ." ވައިރޯޅި މަޑުވެ، އަނދިރި ވިލާތައް ވިހުރިގެން ހިނގައްޖެއެވެ.
ނަސީބެކޭ ނުބުނާނެ ހެއްޔެވެ؟ އަހަރެން މިއިނީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފަސޭހައިން ހިޔާވާނެ ގޮތެއް ނެތް ހާމަ ތަނެއްގައެވެ. ފުރަމާލޭގެ ހެންވޭރުކޮޅުގައި، އާޓިފިޝަލް ބީޗްގެ ފިނި ހިލަ ބެންޗެއްގައެވެ. ފުންނޭވައެއް ދޫކޮށްލަމުން، ހިތާހިތުން "ٱلْحَمْدُ لِلَّٰهِ" ކިޔާލެވުނެވެ. ވާރޭގެ ތޫފާނަކަށް ނުވެ ސަލާމަތްވީތީއެވެ. އެހެން ނަމަވެސް، ހިތުގައި ވަނީކީ އެއްވެސް ހަމަޖެހުމެއް ނޫނެވެ. ދެން ވާން އުޅޭ ކަންތަކާ މެދު ހިތުގައި އޮތީ ބުނެދޭން ނޭނގޭ ފަދަ ބޮޑު ނުތަނަވަސްކަމެކެވެ. މެއަށް ބާރުބޮޑުވެ، ހާސްވާ ގޮތް ވެއެވެ. އެހެން ނަމަވެސް، އަހަރެންގެ ޟަމީރު އެ ހިތަށް ހަމަޖެހެން ގޮވާލަމުންދެއެވެ. އަހަރެންނަކީ ފިނޑިއެއް ނޫން ކަމަށް ސިކުނޑި ކެނޑިނޭޅި ހަނދާންކޮށްދެމުން ދިޔައެވެ. ހިތާއި ސިކުނޑިއާ ދޭތެރޭ މިވަނީ އަޑުނެތް ފިނި ހަނގުރާމައެއް ފެށިފައެވެ.
މާތްކަލާކޯއެވެ. މަމީ ހަމަ މިހާ ފިނޑި މީހެއް ހެއްޔެވެ؟ އަހަރެން މީހަކާ ބައްދަލުކުރަން މިއުޅެނީ މުޅިން އަލަކަށް ނޫން ވިއްޔާއެވެ. އަހަރެންނަކީ މީހުން ބުނާ ގޮތުގައި ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެ މީހުންގެ ސިފަކުރުންތަކުގައި އަހަރެން މިއީ ފިސާރި ޖެހިލުންކުޑަ ނޫސްވެރިއެކެވެ. މޮޅު ހުށަހެޅުންތެރިއެކެވެ. ދާއިރާގައި މިވީ ދަހަރެއްހާ ދުވަހު، ތަފާތު ފިކުރުގެ، ތަފާތު މިޒާޖުގެ އެތައް މީހަކާ ދިމާވެ، ލައްކަ ސުވާލުކޮށް ވާހަކަދައްކާފައިވާނެއެވެ. ތަފާތު އެތައް ގޮންޖެހުންތަކާއި ތަޖުރިބާތަކެއް ކުރެވިފައިވާނެއެވެ. ކެމެރާގެ ކުރިމަތީގައި ފަސްޖެހުމެއް ނެތި އެތައް ހާސް ބަޔަކާ މުޚާޠަބުކުރި އަހަރެން، މިރޭ މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
ދެން މިވަނީ ކޮން އުނދަގުލެއް ހެއްޔެވެ؟ ސިކުނޑިއާއި ހިތާ ދެމެދު މިހިނގަނީ ކޮންފަދަ ވަރުގަދަ ހަމަލާތަކެއް ހެއްޔެވެ؟ ވަގުތު ކުޑަތަންވަނީއެވެ. އޭނާ އަންނަން ގަޑި ކިޔާފައި ވަނީ ބަރާބަރު އަށްގަޑި ސުންމިނިޓަށެވެ. މާކުރިން އައިސް މިތަނުގައި މިއިނީ ފުރަތަމަ ފަހަރު ގަޑި ޖެހިއްޖެ ނަމަ، މުޅި އުމުރަށް އެކަމުގެ ލަދުވެތިކަން އުފުލަން ޖެހިދާނެތީއެވެ. އަނެއްކޮޅުން ނޫސްވެރިންނަކީ ގަޑިއަށް ވަރަށް ފަރުވާތެރި، ބަރާބަރު ބައެކެވެ. އެކަމަކު، ވަގުތު ދިޔަލެއް އަވަސްކަމާއެވެ! މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދަނިކޮށް، ގަޑި ބަލައިލިއިރު ބާކީ އޮތީ އެންމެ 15 ވަރަކަށް މިނިޓެވެ. ހިތުގެ ތެޅުން އިހުނަށްވުރެ އަވަސްވެއްޖެއެވެ.
މި ބައްދަލުކުރަން މިއުޅެނީ ހަމައެކަނި ދަންނަ މީހަކާ ނޫނެވެ. އަހަރެންގެ ހިތުގެ އެއްބަޔާއެވެ. ފުރާނަފަދަ ލޯބިވެރިޔާއާއެވެ. މީގެ ކުރިން މިފަދަ ރަސްމީ ގޮތަކަށް އަހަރެމެން ދެމީހުން ބައްދަލުވެފައި ނެތަސް، މީގެ އަހަރުތަކެއް ކުރިން ކުޅުދުއްފުށްޓަށް ކުރި ދަތުރެއްގައި އިއްތިފާޤަކުން ދެމީހުން ބައްދަލުވިއެވެ. އަޅައިގަނެފައި ވެއްޓޭހާ ކައިރިންނެވެ. އެކަމަކު، އެވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންތަކެއް ބްރޭކަށް ނުކުތް މަންޒަރު ކެމެރާއަށް ރެކޯޑްކުރަން އަހަރެން ހުރީ އެކަމަށް ގެއްލި ހުސްވެފައެވެ. ލޯބިވެރިޔާ އަހަރެންގެ ގާތުން ލާފައި، އެހާ ކައިރިން ހިނގައިދިޔައިރުވެސް އަހަންނަކަށް ނޭނގުނެވެ. އެނގުނީ، އޭނާ ފަހުން މެސެޖުކޮށްފައި އެ ވާހަކަ ބުނުމުންނެވެ. އިއްތިފާޤަކުން އަހަރެން ނެގި އެ ވީޑިއޯއަށްވެސް އޭނާގެ އެ ރީތި ސޫރަ އަރާފައިވެއެވެ. ހީވަނީ ހަމަ އަހަރެން ގަސްތުގައި އޭނާގެ ހަނދާނަކަށް ރެކޯޑްކޮށްފައިވާ މަންޒަރެއް ހެންނެވެ. އޭރު ފަހުން ބައްދަލުވެވޭ ގޮތް ނުވީ، އާރްޓީއެލް ފެރީ ފުރާގަޑި ޖެހޭތީ އޭނާ އަވަހަށް ފުރަން ދިޔުމުންނެވެ. އޭނާއަކީ ކުޅުދުއްފުށްޓާ އަވަށްޓެރި ރީތި ރަށެއްގެ މައުސޫމު ޒުވާނެކެވެ.
އަހަރެންނަކީ އަދަބިއްޔާތަށް ނުހަނު ލޯބިކުރާ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އެކަމަކު، އެމަންޖެގެ އެ ހިތްގައިމުކަން ބަޔާންކުރަން އަހަރެންގެ ގަލަމަށް ވަނީ މިއަދު ނުކުޅެދިފައެވެ. އަމުދުން އަހަރެންގެ ދުލަކަށް އެކަން ކުޅަދާނައެއް ނޫނެވެ. އެކަމަކުވެސް، ކޮންމެހެން ސިފަކޮށްދޭން ޖެހިއްޖެ ނަމަ ބުނާނަމެވެ. އޭނާގެ އެ ސޫރައަކީ ހަމައެކަނި ލޮލަކަށް ފެންނަ އާދައިގެ ފެނުމެއް ނޫނެވެ؛ އެއީ ފުރާނައިގެ އެންމެ ފުންމިނަށް ފީނައި، ހިތްތައް މަސްތު ކުރުވާ ފަދަ ޚާލިޤުވަންތަ ރަސްކަލާނގެ ފުރިހަމަ ކުޅަދުންވަންތަ ކަމެކެވެ. ސާދަވިލޭރޭގެ ރަން ހަނދުވަރުގެ އަމާން ހިމޭންކަމާއި، ފަތިހުގެ ފިނި ވައިރޯޅީގެ މަޑުމައިތިރި ފިރުމުންތަކުން އޭނާގެ މިޒާޖަށް ވަނީ ޖާދުވީ ދިރުމެއް ގެނެސްދީފައެވެ. އެ ދެ ލޮލުން ފެންނަނީ މައުސޫމުކަމާއި އޯގާތެރިކަމުގެ ބަޔާންކުރަންދަތި ފުން ކަނޑެކެވެ. އެ ކަޅިރަވައިގެ އެންމެ ބަލައިލުމަކުން ވެސް، ހިތާމައިގެ އަނދިރި ރޭތަކަށް އުންމީދުގެ ހަނދުވަރު އޮއްސާލައެވެ. ތުންފަތްމައްޗަށް ވެރިވާ ލުއި ހިނިތުންވުމަކީ، ވިލާގަނޑަކަށް ފަހު ފާއްދައިލާ ރަން އިރުގެ ފުރަތަމަ ދޯދިތަކެކޭ އެއްފަދައިން، މުޅި ކާއިނާތު އުޖާލާ ކޮށްލާ އިޙްސާސެކެވެ. ފިޔަވަޅުތަކުގެ ލުއިކަމާއި، އަޑުގެ ޖާދުވީ މިއުޒިކަކީ ކޮންމެ ހިތެއްވެސް އެދިގެން ފިދާވާނޭ ފަދަ މާތް ސިފަތަކެކެވެ. ޙަޤީޤަތުގައި އޭނާއަކީ ގުދުރަތުގެ ރީތިކަމުގެ ތިލަފަތުން ވަޒަންކޮށް ނުނިމޭނެ ފަދަ ފުރިހަމަ ޝާހީ ލާމަސީލެކެވެ.
އިންތިޒާރު ކުރި ވަގުތު ޖެހިއްޖެއެވެ. ދުރުން، މަޑުމަޑުން ހިނގާފައި އަންނަ ސޫރަ ފެނުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. މަޑު މުށިކުލައިގެ އަބާޔާއެއް ތުރުކޮށްގެން، ނުހަނު ޝާހީ އަދި ހިތްގައިމު ގޮތަކަށް ހިޖާބު އަޅައިގެން ހުރި އަހަރެންގެ ހިތުގެ ރަނިކަމަނާ ފެނިއްޖެއެވެ. މުޅި މީހާ އެކީ ފިނިވެ، އަތްފައި ތުރުތުރުއަޅަން ފެށިއެވެ. ކެމެރާތަކުގެ ކުރިމަތީ އެތައް ހާސް ބައެއްގެ ތެރޭގައި ފިސާރި ސާބިތުކަމާއި ކޮންފިޑެންސާއެކު ލައިވް އިންޓަވިއުތަކާއި ލައިވް ޕްރޮގްރާމްތައް އެއްވެސް ޖެހިލުމެއް ނެތި ހުށަހެޅި މީހާ، އެންމެ އިންސާނެއްގެ ޖާދުވީ ބެލުމުގެ ކުރިމަތީގައި އެކީ ގަނޑުވެ، ބަސްހުއްޓިއްޖެއެވެ. އެ ގަނޑުކަންމަތީ ހަރަކާތެއް ހުއްޓިފައި އިންދާ، ލަސްލަހުން އަޅަމުން ދިޔަ ސާދާ ފިޔަވަޅުތަކާއެކު އޭނާ އައިސް އަހަންނާ އަރާ ހަމަކޮށްފިއެވެ. ޖެހިލުންވުމާއި ލަދުވެތިކަމުން ފުރިގެންވީ ލުއި ހިނިތުންވުމަކާއެކު، ސަލާމް ގޮވާލަމުން އަހަރެންގެ ގާތުގައި އިށީނެވެ. އެއީ ހަމަ އަހަރެންގެ މަރިޔަމްއެވެ. މަރިޔަމް ސަހާއެވެ.
އޭނާގެ އަޑުގައި ވަނީ އަނދިރި ރެއަކަށް ހަނދުވަރުގެ އަލިކަން ގެނެސްދޭ ފަދަ އޯގާތެރި، މަޑުމައިތިރި ރާގެކެވެ. އެ އަޑު ކަންފަތުގައި ޖެހުމުން، އަހަރެންގެ އެތެރެހަށީގައި އުފެދިފައިވި ބޮޑު ތޫފާން މަޑުޖެހި، މުޅި ހަށިގަނޑަށް ފިނި ފިރުމުމެއް އިޙްސާސް ކުރެވުނެވެ. ދުލުން ބަސްތައް އަމުނާލަން އަހަރެން އެތައް ހިތްވަރެއް ކުރަން ޖެހުނެވެ. އެހެން ނަމަވެސް، ލޮލާއި ލޯ ސީދާވި ކޮންމެ ފަހަރަކު، އަހަރެންގެ ހުރިހާ ހުނަރަކާއި ފަށުވި ބަސްތައް ވިރިގެން ދިޔައީ ކޮން ދިމާއަކަށް ކަމެއް ވެސް ނޭނގެއެވެ. ކައިރީގައި އިނދެ، އެކި ކަންކަމާ މެދު ދެއްކި މަދު ވާހަކަކޮޅުން ވެސް އަހަރެންގެ ހިތަށް ލިބުނު ފުން އުފާވެރިކަމާއި ތަސައްލީ ބަޔާންކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ ކަނޑުގެ ލޮނުގަނޑުގައި ބީހެމުން ދިޔަ ރާޅުތަކުގެ މިޔުޒިކީ އަޑާއި، ދަންވަމުން ދިޔަ ވަގުތުގެ ތެތްފިނި ވައިރޯޅީގެ ތެރޭގައި އެ ހޭދަވި ވަގުތުކޮޅަކީ، އަހަރެންގެ މުޅި ޙަޔާތުގައި ވެސް ލިބުނު އެންމެ އަގުބޮޑު، އެންމެ ފޮނި، އަދި އެންމެ ބާއްޖަވެރި ވަގުތުކޮޅެވެ. އެއީ ދުވަހަކުވެސް ފަނޑުވުމެއް ނެތް ރަން ތާރީޚެކެވެ.
ނަމަވެސް، ވަގުތުގެ ރަޙުމުކުޑަ ސާޢަތު ހިނގަމުން ދިޔައީ އަހަރެމެންގެ އެދުންތަކަށް ކުޑަކޮށްވެސް ބެލުމެއް ނެތިއެވެ. ގަޑީގެ ކަށި ހިނގަމުން ދިޔަ ވަރަކަށް، ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. އެންމެ ފަހުން، ވަދާޢުގެ ވަގުތު އައިސް އަހަރެމެންނާ ބައްދަލުކޮށްފިއެވެ. އަހަރެންގެ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި، ބަރުހެލި އިޙްސާސަކާއެކު، އެރޭ އޭނާއާ ވަކިވާން މަޖުބޫރުވިއެވެ. ދެމީހުން ވަކިވެގެން ދިޔައިރު، ބަދަލުކޮށްލެވުނު އެންމެ ފަހު ބެލުމުގައި ވެސް ވީ ބުނެދޭން ނޭނގޭ ފަދަ ފުން އަސަރުތަކެކެވެ.
އޭގެ އަނެއް ދުވަހު އޭނާ ރަށަށް ފުރައިގެން ދިޔައީއެވެ. އޭނާ ފުރައިގެން ދިޔަ ވަގުތު، އަހަރެންގެ މުޅި ދުނިޔެއިން ދިރުން ފޭރިގަތް ފަދައެވެ. އަހަރެންގެ ހުރިހާ އުފާތަކާއި، ތުންފަތުގެ ހިނިތުންވުންތައް އޭނާގެ ދަތުރުގެ ފަސްފަހަތުން ދަމައިގެން ގެންދިޔަ ކަހަލައެވެ. މުޅި މާލެ އަހަންނަށް ބަދަލުވީ ފަޅުރަށަކަށެވެ. އެތައް ހާސް މީހުންގެ ތެރޭގައި އުޅުނު ނަމަވެސް، އޭނާ ނެތުމުން އަހަރެން ވީ އަނެއްކާވެސް އެކަނިވެރިއަކަށެވެ.
މިއަދުވެސް އެ ހަނދާންތައް އަހަރެންގެ ހިތުން ކުޑަކޮށްވެސް ފިލައިގެން ނުދެއެވެ. ކޮންމެ ދުވަހަކު އިރު އޮއްސި، ކޮންމެ ރެއަކު އެކަނިވެރިކަމާއެކު އުޑުމައްޗަށް ބަލައިލެވޭ ކޮންމެ ހިނދެއްގައި، ހަމަ އެ ރޭގެ އެ ފިނި ވަގުތުކޮޅާއި، އާޓިފިޝަލް ބީޗުގެ އެ ހިލަ ބެންޗު، ސިކުނޑީގައި އެންމެ ތާޒާކަމާއެކު ހަނދާންވެއެވެ. އޭނާ ކައިރީގައި އިން އިރު ދުވި މީރުވަހާއި، އެ މަޑުމައިތިރި ވާހަކަތަކުގެ ހަނދާނުން އަހަރެންގެ މުޅި ރޫޙު އަދިވެސް ތެމިފޯވެއެވެ. ދެވަނަ ފަހަރަށް އެ މައުސޫމު ރީތި ސޫރަ ދެކިލުމަށް އެދި، އެ ފަދަ އަނެއް ބައްދަލުވުމެއް ދެއްވުމަށް އެދިއެދި، އިންތިޒާރުގެ ދިގު މަގުމަތީގައި އަހަރެން އިނިން ކަމުގެ އިޙްސާސް ކޮންމެ ވަގުތަކު ހިތުގައި އާލާވަމުންދެއެވެ. ލޮލުން އޮހޮރޭ ކަރުނަތަކާއެކު، އަހަރެންގެ މަރިޔަމްއާ އަލުން ބައްދަލުވާނެ ދުވަހަކަށް އެދި ދުޢާކުރަމުން، އިންތިޒާރުގެ ހިތްދަތި ކަނޑުގައި އަހަރެން އަދިވެސް މި އިންނަނީއެވެ.
-- ނިމުނީ --
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައަކީ މުޅިންވެސް ޚިޔާލީ ވާހަކައެކެވެ. މިއީ ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއް ނޫންކަމާއި، މީގައި ހިމެނޭ ޝަޚްޞިއްޔަތުންނާއި ހާދިސާތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލުން އުފައްދާފައިވާ ކަންތައްތަކެއްކަން ކަށަވަރުކޮށްދެމެވެ.



