




.jpg?w=3840&q=75)
.png?w=3840&q=75)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 100،000 މެމްބަރުން ހަމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މިރޭ (19 ނޮވެމްބަރު 2026) ގެ 22:37 އާއި ހަމައަށް ޕީއެންސީގައި 100،083 މެމްބަރުން އެބަތިއްބެވެ.
މިއީ ރާއްޖޭގައި މިހާރު ތިބި ސިޔާސީ ޕާޓީތަކާއި މިހާތަނަށް އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން 100،000 މެމްބަރުން ހަމަވި ފުރަތަމަ ޕާޓީކަމަށްވާއިރު، މިއީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
ޕީއެންސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 31 ޖެނުއަރީ 2019 ގައެވެ.
އީސީގެ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި 7 ސިޔާސީ ޕާޓީ އުފެދިފައިވާއިރު، އެ ޕާޓީތަކުގައި ތިބީ 178،205 މެމްބަރުންނެވެ. އޭގެ ތެރެއިން ޕީއެންސީގައި 100،083 މެމްބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 53،747 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި ޖުމްހޫރީ ޕާޓީ ގައި 7،751 މެމްބަރުން، އަދާލަތު ޕާޓީގައި 5،530 މެމްބަރުން، އެމްޑީއޭ ގައި 5،749 މެމްބަރުން އެބަތިއްބެެވެ. އަދި އެމްއެންޕީ ގައި 2،809 މެމްބަރުން ތިބިއިރު، ޕީއެންއެފް ގައި ތިބީ 2،536 މެމްބަރުންނެވެ.
ޕީއެންސީއަށް 100،000 މެމްބަރުން ހަމަވެފައިވާއިރު، އެ ޕާޓީގެ ރައީސް، ރައީސް، ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަ ކުރުމަށް އެ ޕާޓީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ވެސް އަރުވާފައެވެ.



