








އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫ އަށެވެ.
ހުތުބާގައި ބުނީ ތިމާ ދަތިޙާލުގައި ވަނިކޮށް، ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަންދެއްވިކަން ހަނދާންކޮށް މީހުންނަށް އެ ފަދަ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށާއި އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއްކަމަށް ޢިލްމުވެރީން ބަޔާންކުރައްވާ ކަމަށެވެ. އަދި ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭކަމާއި ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭކަން ބަޔާންކުރައްވައިފައިވާ ކަމަށް ހުކުރު ޚުޠުބާގައި ބުންޏެވެ.
މީގެއިތުރުން ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުންޔަވީ ކަންކަމުގައި ތިބާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާއަށް މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން ކަމަށާއި މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވެވިގެން ކަމުގައި ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވެގެން ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި އެ ނިޢުމަތްތައް ހޭދަކޮށްގެން ކަމަށާއި ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ، އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލުކުރުމުންކަމަށެވެ.








