.jpeg?w=3840&q=75)
ރަސްމާލެ
ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ބިލު މަޖިލީހަށް ބަލައިގަނެފިއެވެ.
ބިލް ފާސްކުރަން 42 މެމްބަރުން އަދި ފާސްކުރަން ނުފެންނަކަމަށް 13 މެމްބަރުން ވޯޓުދެއްވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްްވި މި ބިލުގެ މައިގަނޑު ބޭނުމަކީ މި ދައިރާގައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް ސަރުކާރައި ރައްޔިތުންނަށްވެސް މި ސިނާޢަތުން ފައިދާ ހޯދައިދިނުމެވެ.މިބިލުގައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެވިޔަފާރީ ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީކުރުމުގެ އުސޫލްތަކާއި އެފަރާތްތަކުގެ ޒިންމާތަކާއި ހައްޤުތައް ބަޔާންކުރެއެވެ.
މީގެ އިތުރުން ރިއަލް އެސްޓޭޓް މަޝްރޫޢުތައް ގަންނަ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރެވޭނެ އުސޫލްތައް ކަނޑައެޅުމާއި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ކަމާ ގުޅޭ އުސޫލްތަކާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާކަން ޔަޤީންކުރުމަށް އެފަރާތްތަކުގެ ހަރަކާތްތައް މޮނީޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް މި ވިޔަފާރީއަށް ޤާނޫނީ އޮނިގަނޑެއް ތަޢާރަފް ކުރުމަކީވެސް މި ބިލު ހުށަހެޅުމުގެ މަޤްސަދެކެވެ.
މިބިލުގައިވާ ގޮތުން މި ވިޔަފާރީގެ ކަންކަން ބަލަހައްޓާ ރެގިއުލޭޓް ކުރާނެ ފަރާތެއްގެ ގޮތުގައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ދައުލަތުގެ ވަކި އިދާރާއެއްގެ ގޮތުގައި ޤާއިމް ކުރެވޭނެއެވެ. މި އިދާރާ ހިންގަމުންދާނީ ކަމާގުޅޭ ވުޒާރާގެ ދަށުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި އެ މަޝްރޫޢުތަކާ ގުޅޭ ޑިވެލޮޕަރުންނާއި އޭޖެންޓުން ދަފްތަރުކުރުން ހިމެނެއެވެ. އަދި އެ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ނިޒާމުތައް ޤާއިމްކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެކެވެ.
އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ކަނޑައަޅައި ތަރައްޤީކޮށް ހިންގުމުގެ އުސޫލުތައް މި ބިލުގައި ހިމަނާފައިވެއެވެ. މި މިބިލްގައިވާގޮތުން ޒޯން ތަކުގައި ޓެކްސް ނެގޭނީ ފަތުރުވެރިކަމުގެ ޓެކްސް ރޭޓުގައެވެ. މި ސަރަހައްދުތަކުގައި މާސްޓަރ ޑިވެލޮޕަރު ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ޖެހޭނެއެވެ.
މީގެ ތެރޭގައި ޓާޝަރީ ފެންވަރުގެ ޚިދުމަތް ދެވޭ ހޮސްޕިޓަލަކާއި، ޒޯނުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ ފެންވަރުގެ މިސްކިތްތަކާއި އަދި ޝޮޕިން ސެންޓަރުތަކާއި ރީޓެއިލް ފިިހާރަތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން މޫނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ޕާކުތަކާއި ހުސް ޖާގަތަކާއި އެހެނިހެން އާންމު ބޭނުންތަކަށް ވަސީލަތްތައް ތަރައްޤީކުރަން ޖެހޭނެއެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




