



.jpeg?w=3840&q=75)



މާޒިޔާގެ މެކްލީންސް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގު 2026 ގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މާޒިޔާ އިން ކާމިޔާބުކޮށްފިއެވެ.
ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެމްއެސް މޭޓްސް އަތުން 8-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ދަ ގްރާންޑޭގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މާޒިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ މެކްލީންސް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މުނީސާ ޖަޔަސޯވާ އަދި ސަފީނާ ރުޝާނިޔާ މިއިން ކޮންމެ ކުޅުންތެރިޔަކު މިމެޗުގައި ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ފައިހާ އަލީ ހަސަން އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ މެކްލީންސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ދަ ގްރާންޑޭ އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.







