



.jpeg?w=3840&q=75)



ލޯތްބަކީ އިންސާނީ ޠަބީޢަތުގައި ލައްވާފައިވާ އެންމެ މާތް، އަދި އެންމެ އަސަރުގަދަ އެއް އިޙްސާސެވެ. އިސްލާމީ ތާރީޚަށް ނަޒަރު ހިންގައިލާއިރު، ޙަޤީޤީ ލޯތްބާއި ކުލުނާއި ވަފާތެރިކަމުގެ އެންމެ ފުރިހަމަ މިސާލުތައް ފެންނަން އޮތީ މާތް ﷲ ފޮނުއްވި ނަބިއްޔުންނާއި ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުތަކުންނެވެ. އެބޭކަލުންގެ ދިރިއުޅުއްވުމަކީ ހަމައެކަނި ދީނީ އިރުޝާދުތަކެއް ނޫނެވެ؛ އަދި ކިއެއްތަ، ޢާއިލީ ގުޅުންތަކާއި، ދެމަފިރިންގެ ދެމެދުގައި އޮންނަންވީ ލޯތްބާއި، ދަރިންނަށް ދޭންވީ ކުލުނުގެ ދިރިހުރި މަދަރުސާއެކެވެ.
މިސާލަކަށް ބަލާއިރު، ކީރިތި ރަސޫލާ މުޙައްމަދު ﷺ އާއި އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ ދެމެދުގައި އޮތް ވަފާތެރި ލޯތްބަކީ ތާރީޚު ދުށް އެންމެ މަތިވެރި އެއް މިސާލެވެ. ފުރަތަމަ ވަޙީ ބާވައިލެއްވުމުން ބިރުފުޅުގަނެ، ހާސްފުޅުވެވަޑައިގެންނެވި ވަގުތު، އެކަލޭގެފާނަށް ހިތްވަރުދެއްވައި، ހިތްޕުޅަށް ހަމަޖެހުން ހޯއްދަވައިދެއްވީ ޚަދީޖަތުގެފާނެވެ. އެކަމަނާ އަވަހާރަވިތާ އެތައް އަހަރެއް ފަހުންވެސް، ކީރިތި ރަސޫލާ ﷺ އެކަމަނާގެ މަތިން ހަނދުމަފުޅު ކުރައްވައި، އެކަމަނާގެ އެކުވެރިންނަށް ހަދިޔާ ފޮނުއްވައި ހެއްދެވިއެވެ. މިއީ ވަފާތެރިކަމާއި ލޯބީގެ އިންތިހާއެވެ. ހަމައެއާއެކު، ޢާއިޝަތުގެފާނަށް އެކަލޭގެފާނު ބެހެއްޓެވި އޯގާތެރިކަމާއި، އެކަމަނާއާއެކު ދުވުމުގެ މުބާރާތް ބޭއްވެވުމާއި، އެކަމަނާ ފެންފޮދު ހިއްޕަވާ ތަނުގައި ތުންފަތްޕުޅު ޖައްސަވައިގެން ފެން ބެއްލެވުން ފަދަ ކަންކަމަކީ، ލޯބި ފާޅުކުރުމުގެ ރީތި ނަމޫނާތަކެވެ.
ހަމަ އެފަދައިން، އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން ފެންނަނީ މާތް ﷲ އަށްޓަކައި ވާ ލޯތްބާއި، އިންސާނީ ލޯބީގެ މަތިވެރި ގުޅުމެވެ. އެކަލޭގެފާނު ދުޢާ ދަންނަވައިގެން، މުސްކުޅިފުޅު ޢުމުރުގައި ލިބިވަޑައިގެންނެވި ލޯބިވާ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ޤުރުބާން ކުރެއްވުމަށް މާތް ﷲ އެންގެވި ހިނދު، އެ ދެބަފައިކަލުން ދެއްކެވި ކިޔަމަންތެރިކަމާއި ލޯތްބަކީ ހިތްތައް ރޮއްވާލާފަދަ އަސަރުގަދަ މަންޒަރެކެވެ. ދަރިކަލުންގެ ކިޔަމަންތެރިކަމާއި، ބައްޕާފުޅުގެ ހިތްޕުޅުގައި އޮތް ކުލުނު، މާތް ﷲ ގެ އަމުރުފުޅުގެ މައްޗަށް އިސްނުކުރައްވައި ކުރެއްވި މަތިވެރި ޤުރުބާނީއިން ހާމަވަނީ، އެންމެ މަތިވެރި ލޯތްބަކީ ޚާލިޤުވަންތަ އިލާހަށްޓަކައި ވާ ލޯބިކަމެވެ.
ހަމައެހެންމެ، ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ހިތްޕުޅުގައި އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއްސަލާމަށް އޮތް ލޯތްބަކީ ކެތްތެރިކަމާއި ކުލުނުގެ އަސަރުގަދަ ވާހަކައެކެވެ. ޔޫސުފްގެފާނު ގެއްލިވަޑައިގަތުމުން، އެކަލޭގެފާނުގެ ހިތާމައިގައި ކީރިތި ކުރައްވަމުން ގޮސް ލޯފުޅުގެ ފެނުން ގެއްލިގެން ދިޔައިރުވެސް، ދަރިކަލުންނާ މެދު އޮތް ލޯތްބާއި އުއްމީދަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ލޯބީގެ ނަތީޖާއަކަށްވީ، އެތައް އަހަރެއްގެ ފަހުން ދެބަފައިކަލުން ބައްދަލުވެ، ޢާއިލާ އެކުގައި އަލުން ގުޅިގެން ދިއުމެވެ.
މީގެއިތުރުން، އައްޔޫބް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ޙަޔާތްޕުޅަކީ ބަޔާންކުރަންދަތި ބޮޑެތި މުޞީބާތްތަކުގެ ތެރޭގައިވެސް ކެތްތެރިކަމާއެކު ދެމިއޮތް ވަފާތެރި ލޯބީގެ މަތިވެރި މިސާލެކެވެ. އެކަލޭގެފާނު ނުރައްކާތެރި ބަލިމަޑުކަމެއްގައި އެތައް އަހަރެއް ވޭތުކުރެއްވި ދުވަސްވަރު، އެންމެހައި މީސްތަކުން އެކަލޭގެފާނު ދޫކޮށް ދިޔައިރުވެސް، އަނބިކަނބަލުން ސާބިތުވެވަޑައިގެންނެވީ ވަފާތެރިކަމުގެ އައްޑަނައެއްގެ ގޮތުގައެވެ. ބުރަ މަސައްކަތް ކުރައްވައިގެން ފިރިކަލުންނަށް ޚިދުމަތްކުރައްވައި، އަޅައިލެއްވުމުގައި ދެއްކެވި މިސާލަކީ ދެމަފިރިންގެ ދެމެދުގައި އޮންނަންވީ އިޚްލާޞްތެރި ކުލުނާއި ގާތްކަމުގެ ދިރިހުރި ތަޞްވީރެކެވެ.
ހަމައެހެންމެ، މޫސާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުގައި މައިވަންތަކަމުގެ މަތިވެރި ލޯބި ވަނީ ވަރަށް އަސަރުގަދަ ގޮތެއްގައި ބަޔާންވެގެން ގޮސްފައެވެ. ފިރުޢައުނުގެ އަނިޔާވެރިކަމުން ދަރިކަލުން ސަލާމަތްކުރެއްވުމަށްޓަކައި، ކުޑަކުޑަ ފޮށްޓަކަށް ލައްވައި ކޯރުގެ އޮއިވަރުގެ ތެރެއަށް ދޫކޮށްލެއްވިއިރު އެ މައިކަމަނާގެ ހިތްޕުޅުގައި އޮތް ވޭނާއި ކެކުޅުމަކީ އިންސާނީ ލޯބީގެ އެންމެ ފުން އިޙްސާސެވެ. މާތް ﷲ ގެ ވަޢުދުފުޅަށް އިތުބާރުކުރައްވައި، ދަރިކަލުންގެ ރައްކާތެރިކަމަށްޓަކައި އެޅުއްވި އެ ހިތްދަތި ފިޔަވަޅުގެ ސަބަބުން، އެންމެ ފަހުން އެ ދަރިކަލުން އަލުން އެ މައިކަމަނާގެ އުނގުފުޅަށް އަނބުރާ ލިބިވަޑައިގަތީ ކެތްތެރި ލޯބީގެ ނިޢުމަތެއްގެ ގޮތުގައެވެ.
ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ދަރިންނަށް ދެއްވި ލޯބީގެ މިސާލުތަކަކީވެސް ފާހަގަކޮށްލަންޖެހޭ ވަރަށް ޚާއްޞަ ކަންކަމެވެ. ވަކިން ޚާއްޞަކޮށް، އެކަލޭގެފާނުގެ ލޯބިވާ ދަރިކަނބަލުން ފާޠިމަތުގެފާނަށް ބެހެއްޓެވި ގާތްކަމެވެ. ފާޠިމަތުގެފާނު ވަޑައިގަންނަވާ ކޮންމެ ހިނދެއްގައި، އެކަލޭގެފާނު ކޮޅަށް ތެދުވެވަޑައިގެން، އެކަމަނާގެ ނިތްކުރިފުޅަށް ބޮސްދެއްވައި، އެކަލޭގެފާނު އިންނެވި ތަނުގައި އެކަމަނާ ބައިންދަވައެވެ. މިއީ މައިންބަފައިން ދަރިންނަށް ދޭންޖެހޭ ޤަދަރާއި، ޚާއްޞަކޮށް އަންހެން ދަރިންގެ އަގު ވަޒަންކުރުމުގައި ދުނިޔެ ދުށް އެންމެ ރީތި ނަމޫނާއެވެ.
މީގެއިތުރުން، ކާފަދަރިކަލުން ކަމުގައިވާ ޙަސަނުގެފާނާއި ޙުސައިނުގެފާނަށް ކީރިތި ރަސޫލާ ﷺ ދެއްވި ކުލުނަކީ ކުޑަކުދިންނަށް ލޯބިދިނުމުގެ އެންމެ މަތީ ފެންވަރެވެ. އެކަލޭގެފާނު ނަމާދުފުޅުގައި ސަޖިދައިގައި އޮންނަވަނިކޮށް، ދެ ދަރިކަލުން އެކަލޭގެފާނުގެ ބުރަކަށިފުޅަށް އަރައިވަޑައިގަތުމުން، އެކުދިން އަމިއްލައަށް ފައިބަންދެން ސަޖިދަ ދިގުކުރެއްވިއެވެ. އަދި އެކުދިން ގައިގާ ބޮސްދެއްވައި، އުނގުފުޅުގައި ބައިންދަވައިގެން ލޯބި ދެއްވި ގޮތަކީ، ޅަފަތުގެ ދުވަސްވަރު ކުދިންނަށް ބޭނުންވާ ޢާޠިފީ އަޅައިލުމުގެ މުހިންމުކަން މުޅި އިންސާނިއްޔަތަށް ދަސްކޮށްދެއްވި ފިލާވަޅެކެވެ.
ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުންވެސް ފެންނަނީ އިންތިހާއަށް ދަރިންދެކެ ވާ ލޯތްބާއި، ދަރިފަސްކޮޅެއް ހޯއްދެވުމަށް އޮތް މަތިވެރި އެދުންފުޅެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ނުރަވެ، ކަށިތައް ބަލިކަށިވެފައިވާ މުސްކުޅި ޢުމުރުފުޅުގައިވެސް، ހެޔޮލަފާ ދަރިކަލަކަށް އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ކުރެއްވި ސިއްރު ދުޢާއިން ހާމަވަނީ، އިންސާނާގެ ހިތުގައި ދަރިންނަށްޓަކައި ލައްވާފައިވާ ފުން ލޯތްބެވެ. އެ ލޯބީގެ އަސަރުން ފުރިގެންވާ ދުޢާގެ އިޖާބައެއްގެ ގޮތުން، ޔަޙްޔާ ޢަލައިހިއްސަލާމް ދެއްވައި އެކަލޭގެފާނުގެ ހިތްޕުޅަށް ފިނިކަން ގެނެސްދެއްވިއެވެ.
ރަސޫލުބޭކަލުންގެ ލޯބީގެ ދާއިރާއަކީ ހަމައެކަނި ޢާއިލާއަށް ޚާއްޞަވެފައިވާ ކަމެއް ނޫނެވެ. އެބޭކަލުންގެ އުއްމަތްތަކަށްޓަކައި ހިތްޕުޅުގައި އޮތް ކުލުނަކީވެސް އަސަރުން ފުރިގެންވާ ލޯތްބެކެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އުއްމަތަށްޓަކައި ރޭގަނޑުގެ އަޅުކަމުގައި ކީރިތި ކުރައްވައި، "ތިމަންކަލާގެފާނުގެ އުއްމަތް! ތިމަންކަލޭގެފާނުގެ އުއްމަތް!" އޭ ވިދާޅުވެ ދުޢާ ކުރެއްވި ކުރުމަކީ، މުޅި އިންސާނިއްޔަތު ދުށް އެންމެ ފުން، އަދި އެންމެ އަމިއްލަ އެދުމެއްނެތް ލޯބީގެ ހެއްކެވެ. މީސްތަކުން ނަރަކައިގެ ޢަޒާބުން ސަލާމަތްކުރެއްވުމަށްޓަކައި އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރުބާނީތަކަކީ މި ލޯބީގެ ދިރިހުރި ދަލީލެކެވެ.
ފަހެ، މި ހުރިހާ ނަބަވީ މިސާލުތަކަކުން އަޅުގަނޑުމެންނަށް އަންގައިދެނީ، އިސްލާމީ ތަޞައްވުރުގައި ލޯތްބަކީ ހަމައެކަނި ޖަޒުބާތެއް ނޫންކަމެވެ. އެއީ ޒިންމާދާރުކަމާއި، ޙައްޤުތަކަށް ރައްކާތެރިވުމާއި، އަނެކާއަށްޓަކައި އޯގާތެރިވެ ހެޔޮއެދުމެވެ. ނަބިއްޔުންގެ ޙަޔާތްޕުޅުތަކުން މި ފެންނަ ލޯބީގެ މަތިވެރި ސިފަތައް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ގެނެސް، އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި މުޅި މުޖުތަމަޢަށް އެ ކުލުނު ފޯރުކޮށްދިނުމަކީ، އުފާވެރި އަދި ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސެވެ.



