
.jpeg?w=3840&q=75)






ދ. ކުޑަހުވަދޫ ކައުންސިލުން އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާ ބައްދަލުކޮށްފިއެވެ.
މިބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް މުޙައްމަދު ސަލީމާއި ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝިހާމްއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ކުޑަހުވަދޫ ކައުންސިލުން އެ ރަށުގެ ތަރައްގީގެ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރުމަށް ވެރިރަށް މާލެ ސިޓީއަށް މިވަގުތު ކުރަމުންގެންދާ ދަތުރުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ވަނީ، ކުޑަހުވަދޫގައި ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާ، އެ ރަށަށް ބޭނުންވާ ބައެއް ތަރައްގީގެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ދެއްވާފައެވެ.
އެގޮތުން މިވަގުތު އެ ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ފެރީ ޓާމިނަލްއެއް ނެތުމުގެ ކަންބޮޑުވުން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭތޯ މެމްބަރަށް ވަނީ ހުށަހަޅާފައެވެ.
އެ ބައްދަލުވުމުގައި މެމްބަރު ސިޔާމް ވަނީ އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އެ ރަށުގައި ފެރީ ޓާމިނަލެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދ. ކުޑަހުވަދޫއަކީ އާބާދީގައި ގާތްގަނޑަކަށް 3،200 އަށްވުރެ ދަށް ނަމަވެސް 3،100އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.
އެއާޕޯޓެއްވެސް އޮންނަ އެ ރަށަށް މި އަހަރުގެ ފެބުރުވަރީ މަހުގައި އާރްޓީއެލްގެ ޚިދުމަތް ދޭން ފަށާފައިވާއިރު، ރަށުގައި ފެރީ ޓާމިނަލެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

.jpeg?w=3840&q=75)


