


.jpeg?w=3840&q=75)





ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ދިވެހިރާއްޖޭގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ސަރަހައްދުތައް ބިނާކުރުމާއި ހިންގުމުގެ ކަންކަން ހަރުދަނާ އުސޫލުތަކަކަށް ފެއްތުމަށް އެކުލަވައިލި "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް މާސްޓާ ޑިވެލޮޕަރަކަށް އެންމެ ދިގުވެގެންވެސް ދޫކުރެވޭނީ 99 އަހަރުގެ މުއްދަތަށެވެ. އަދި އެފަދަ ޒޯނުތަކުގައި ދެވޭ އެންމެހައި މުދަލާއި ހިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ ދަށަށް ފެތޭނެތީ، ޖީއެސްޓީ ނެގުމަށް ހަމަޖެހިފައިވަނީ ޓީޖީއެސްޓީގެ ރޭޓުންނެވެ.
އިސްލާމީ އަގީދާއާއި ދިވެހިންގެ އިޖުތިމާއީ ހަމަތައް ހިމާޔަތްކުރުމަށް މި ބިލުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން މި ޒޯންތަކުގައި ދިރިއުޅޭ މީހުންނަށާއި ހިންގާ ވިޔަފާރިތަކަށް ރަލާއި އޫރުމަހުގެ އިތުރުން އެތަކެތި އެކުލެވޭ އެއްވެސް އެއްޗެއް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި ބޭނުންކުރުން ވަނީ ކަނޑައެޅިގެން މަނާކޮށްފައެވެ.
މީގެއިތުރުން، ޝަރީއަތުގައި ހަރާމްކުރައްވާފައިވާ ޖުވާކުޅުން ފަދަ އެއްވެސް ހަރަކާތަކަށް މި ޒޯނުތަކުގައި ފުރުސަތު ނުދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަންކުރާ ތަންތަން ބިނާކުރުމާއި، ދީނީ ޝިއާރުތައް ފާޅުކުރުމަށް ފުރުސަތު ނުދިނުމަށް ޑިވެލޮޕަރުގެ މައްޗަށް ވަނީ ޝަރުތުކޮށްފައެވެ.
ބޭރުގެ ފަރާތްތަކުން ތަންތަން ގަތުމާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ، މި ޒޯނުތަކުން ޕްރޮޕަޓީއެއް މިލްކުކުރި ނަމަވެސް ބޭރުގެ އެއްވެސް މީހަކަށް ރާއްޖޭގެ ރައްޔިތުކަން ނުލިބޭނެ ކަމަށެވެ.
މީގެ އިތުރުން ވަކިވަކި ގައުމުތަކުގެ ހިއްސާ ކޮންޓްރޯލްކުރުމުގެ ގޮތުން، އެއްވެސް އެއް ގައުމެއްގެ ރައްޔިތަކަށް ނުވަތަ ވިޔަފާރިއަކަށް ޒޯނުގެ ޖުމްލަ ބިމުގެ %25 އަށްވުރެ ބޮޑުބައެއް ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެ ގައުމުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް މި ޒޯނުތަކުން އެއްވެސް ބިމެއް ކުއްޔަށް ދިނުމާއި ލީސްހޯލްޑް ހައްގު ވިއްކުން މި ބިލުގެ ދަށުން މުޅިން ވަނީ މަނާކޮށްފައެވެ.



.jpeg?w=3840&q=75)




