




ވިނީ ލަނޑުޖެހުމަށްފަހު އެންޑްރިކް އާއެކު އުފާފާޅުކުރަނީ...
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަ ދުވަހު ހަވީރު ސިންގަޕޫރާއި ވާދަކޮށް ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބްރެޒިލް މޮޅުވެއްޖެ އެވެ.
ބްރެޒިލް އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ޖަޕާން އަތުން ބަލިވެފައިވާއިރު، ސިންގަޕޫރް އެންމެ ފަހުން ކުޅުނު މެޗުގައި ޕެރަގުއޭ އާއި ވާދަކޮށް އެޓީމު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ސިންގަޕޫރްގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ފަރާތުން ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބްރެޒިލް އިން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ވިނީޝިއަސް ޖޫނިއަރ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިއީ ބްރެޒިލްގެ ޖާޒީގައި ވިނީގެ ފުރަތަމަ ހެޓްރިކެވެ. އަދި ގައުމީ ޓީމަށް ކުޅުނު 59 މެޗުގައި މިހާތަނަށް 19 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެންމެ ފަހުން ބްރެޒިލް ކުޅުނު ދެމެޗުގައި ވިނީ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް، އެސްޓެވާއޯ އަދި ރަޔާން މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ސިންގަޕޫރްގެ ޑިފެންޑަރު ރައުލް ސުހައިމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ފީފާ ވޯލްޑްކަޕް ފަސް ފަހަރަށް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިވަގުތު ވޯލްޑް ރޭންކިންގެ ހަވަނައިގައި އޮތްއިރު، ސިންގަޕޫރް މިވަގުތު އޮތީ ރޭންކިންގެ 149 ވަނައިގައެވެ.






