








ރޮނާލްޑޯ (ކ) އަދި އަވޭރޯ
ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ޑެންމާކު އަތުން 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވުމުން އެކާމައި ވަރަށް އުފާވިކަމަށް ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ ޑޮލޮރެސް އަވޭރޯ ބުނެފިއެވެ.
ފޯޗުގަލްގެ ކުޅިވަރު ނޫހެއް ކަމަށްވާ ބީ24 އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯގެ މަންމަ އަވޭރޯ ބުނީ " ކްރިސްޓިއާނޯ ހުރީ ވަރަށް ދެރަވެފައި. އެމީހުން އޭނާ އަށް އޮޅުވާލީ، އެކަމާއި އަހަރެން ވެސް ވަރަށް ދެރަވޭ. ޑެންމާކް އަތުން ބަލިވުމަކީ އަހަރެން ވަރަށް އުފާވި ކަމެއް."
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް އަދި ޤައުމީ ޓީމުގެ ކުޅުންތެރިން ވެސް ރޮނާލްޑޯއަށް އިހްތިރާމެއް ނުކުރި، އަދި ފާއިތުވެދިޔަ 23 އަހަރު ގައުމީ ޓީމަށް ކުރި ޚިދުމަތުގެ އަގުވަޒަންކުރަނީ މިހެންތޯ ވަނީ ސުވާލުކޮށްފައެވެ.
ރޮނާލްޑޯގެ ޝަރަފުގައި މެޗެއް ކުޅޭ ނަމަ އެމެޗެއް ކުޅެންޖެހޭނީ އޭނާގެ ހާޒިރުގައެވެ. އަދި އެމެޗު ކުޅުމަށް އެންމެ އައުލާވެގެންވަނީ ލިޒްބަންގައި، ބްރާގާގައި ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލްގެ ފެޑަރޭޝަނުން ރޮނާލްޑޯއަށް ޚާއްސަކުރުމުން އެކަމަށް އިޝާރަތްކޮށް އަވޭރޯ ބުނެފައިވެއެވެ.
ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ 23 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހު މިމަހުގެ ކުރީކޮޅުއެވެ. ރޮނާލްޑޯގެ ކެރިއަރުގައި ގައުމީ ޓީމަށް 234 މެޗު ކުޅެ 146 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ޕޯޗުގަލް ގައުމީ ޓީމާއެކު ރޮނާލްޑޯ ވަނީ ޔޫރޯ އަދި ޔުއެފާ ނޭޝަންސް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.
ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރުމާއެކު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ރޮނާލްޑޯއަށް ޝުކުރުއަދާކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ނަމަވެސް ގައުމީ ޓީމުގެ ވަރަށް މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޖޮއާއު ނެވޭސް އަދި ނޫނޯ މޭންޑީގެ ފަރާތުން އެއްވެސް ޝުއޫރެއް ފާޅުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.








