








ރެސިޑެންޓް ވިސާ ދޭން ގާނޫނަށް އިސްލާހު ގެންނަ ވާހަކައަކީ ދޮގެއް ކަމުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔެކިޔުންތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައިު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެ ތުހުމަތުތައް ދޮގުކުރައްވާ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ދައުރުކުރަމުންދާ ލިޔެކިޔުންތަކުގައި ހިމެނޭ އިބާރާތްތަކުގައިވާ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅުމުގެ ވިސްނުމެއް ދުވަހަކުވެސް ގެންގުޅެފައި ނުވާނެއެވެ.
މީގެއިތުރުން މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފްހާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އާ ގާނޫނެކެވެ. އެއީ ކުރީގެ ގާނޫނަށް ގެންނަ އިސްލާހެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެ ގާނޫނުގައި "ރެސިޑެންޓް ވިސާ"ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމެނިފައި ނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އައުން މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕިއެންސީ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަކީ ބޭނުމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަންގެ ގާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބަޔާންކޮށްފައި އޮންނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި މި ބުލުގައި ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް ބަޔާންކޮށްފައިވަނީ އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.




