








ޕެރޯލް ޤާނޫނަށް އިސްލާޙުގެންނަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ޕެރޯލް ޤާނޫނު މިހާރަށް ވުރެ ފުރިހަމަކުރަންޖެހޭކަމަށާއި މިހާރު އަމަލިކުރަމުންދާ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަކީ 2013 ވަނަ އަހަރު އެކުލަވާލި ގާނޫނެއް ކަމަށެވެ. އަދި އޭގެ ފަހުން މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުފަދަ ޤާނޫނުތަކަށް ބަދަލު އައިސްފައިވާ ކަމަށާއި އެހެންވެ ޕެރޯލް ޤާނޫނު އިތުރަށް އިސްލާޙުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ޕެރޯލް ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން، ޕެރޯލްގެ ޤާނޫނުގެ ދަށުން ދޫވެގެން މުޖުތަމަޢުއަށް ނުކުތުމަށް ފުރުސަތު ނުދިނުމަށްޓަކާ، އެ ޤާނޫނު އިސްލާޙުކޮށް ފުރިހަމަކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޕެރޯލްއާ ގުޅޭ ކަންކަން ބަޔާންކުރަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2013) ގެ ދަށުންނެވެ. ޕެރޯލް އަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، އެ މީހުންގެ ހުކުމުގެ ބާކީބައި މުޖުތަމައުގައި ހުރެގެން ވަކި ޚާއްޞަ ޝަރުތުތަކަކާއެކު ތަންފީޒު ކުރުމަށް ދެވޭ ފުރުޞަތެކެވެ. ޕެރޯލްގެ މައިގަނޑު މަޤްޞަދަކީ ކުށްވެރިން އިޞްލާޙުކުރުމަށް ފުރުސަތު ދިނުމާއި، ކުށްވެރިން އަލުން މުޖުތަމަޢަށް ނެރުމަށް މަގުފަހިކޮށްދިނުމެވެ.ޕެރޯލްގެ ދަށުން ގައިދީން ދޫކުރުމާއި، ޕެރޯލް ބާތިލުކުރުމުގެ އެންމެހައި ނިންމުންތައް ނިންމަނީ މި ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުންނެވެ. ޕެރޯލްގެ ޝަރުތުތަކުގެ ތެރޭގައި، ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާއިރު އަޚުލާޤު ރަނގަޅު މީހަކަށްވުމާއި، ޤާނޫނުގައި ބަޔާންކުރާ ވަކި މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާ މީހަކަށްވުން ހިމެނެއެވެ.ޕެރޯލްގައި ހުންނަ މުއްދަތުގައި ކަނޑައެޅޭ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ އިތުރު ކުށެއް ކޮށްފި ނަމަ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރެވޭނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.




