.jpeg?w=3840&q=75)







.jpeg?w=1920&q=75)
majlis
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި، އެކަމުގައި ޒިންމާވާ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ވިދާޅުވީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން އާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ ބައެއް ކުށްވެރިން ޖަލުގެ ބަދަލުގައި ގޭބަންދުގައި ތިބުމަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ނާޒުކު މައްސަލައެއް ކަމަށެވެ. އެހެންކަމުން، މިކަމާ ގުޅޭ މައުލޫމާތުތައް މަޖިލީހުން ހޯދައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، މިފަދަ ކުށްވެރިންނަށް ކަފާލާތުގެ ފުރުސަތެއް ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެއެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހުކުމް ތަންފީޒުކޮށް ނިމެންދެން އެފަދަ ފަރާތްތައް ޖަލު ބަންދުގައި ބޭތިއްބުން ކަމުގައިވާއިރު، އެ މީހުން ގޭބަންދަށް ދޫކޮށްލާފައިވަނީ ކޮން އުސޫލަކުންތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމުގެ ގޮތުން، އެ މީހުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން، ކޮން ފަރާތެއްގެ ނިންމުމަކުންތޯ ބެލުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ މީހުން ގޭބަންދުގައި ބައިތިއްބަން ކަނޑައަޅާފައިވާ ޝަރުތުތަކާއި، އެ ޝަރުތުތަކަށް އަމަލުކުރޭތޯ ފާރަވެރިވާ ފަރާތެއް އޮޅުންފިލުވުމުގެ އިތުރުން، އެ މީހުން ދިރިއުޅޭ ގެތަކާއި ރަށްރަށުގައި ތިބި ކުޑަކުދިންގެ ހިމާޔަތަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެ ރަށްރަށުގެ ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ ކަށަވަރުކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، އެފަދަ މީހުން މޮނިޓާކުރުމަށް އިލެކްޓްރޯނިކް ޓެގް އަޅުވާފައިވޭތޯ ބެލުމާއި، މިފަދަ ކަންކަމުގައި ކަމާބެހޭ ވުޒާރާއިން ގެންގުޅޭ ސިޔާސަތުތަކާއި، އެ މީހުން އަނބުރާ ޖަލަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ސާފުކުރުން މުހިންމު ކަމަށް ސިޓީގައިވެއެވެ.
މެންބަރު ކުޑޫ ވަނީ މިއީ މުޖުތަމައުގެ މަސްލަހަތާއި ކުޑަކުދިންގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، މައްސަލައިގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކެއް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، އަވަސް ހައްލެއް ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)


.jpg?w=3840&q=75)