.jpeg?w=3840&q=75)








މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދީފިއެވެ.
ރާއްޖެއިން މި ގަރާރާ ދެކޮޅަށް ވޯޓުދީފައި މިވަނީ، ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތައް ބަޔާންކުރާ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި، މެކްސިކޯއިން އިސްނަގައިގެން ހުށަހެޅި އެ ގަރާރު ވަނީ 133 ގައުމެއްގެ ތާއީދާއެކު ފާސްކޮށްފައެވެ. ނަމަވެސް، ރާއްޖެ ހިމެނޭހެން 33 ގައުމަކުން މި ގަރާރާ ދެކޮޅަށް ވޯޓު ދިނެވެ. މި ގަރާރާ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު، ގަތަރު، ކުވައިތު، ޔޫއޭއީ، އުމާން އަދި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުގެ އިތުރުން އެމެރިކާ، އިންޑިއާ، ޗައިނާ އަދި ޖަޕާން ހިމެނެއެވެ.
އދ. އިން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުގެ އަދަބު ދިނުން މަދުކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ފާއިތުވި އަހަރު އެ އަދަބު ތަންފީޒުކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މަރުގެ އަދަބު އެއްކޮށް އުވާލުމުގެ މަގުސަދުގައި، އެ އަދަބު ދިނުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، މިހާރު އެ އަދަބު ދިނުން ހުއްޓާލާފައިވާ ގައުމުތަކުން އަލުން އެކަން ނުފެށުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.
މި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިންއިރު، ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި އެކަމުގައި ދައުލަތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފުރަތަމަ ކިޔުން އިއްވާފައެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ އިސްލާމީ ޝަރީއަތާއި ގާނޫނުގައިވާ ގޮތުގެ މަތިން މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. އެގޮތުން، ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމެއް ކުރުމުގެ ކުރިން މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިފައިވޭތޯ ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އެ ހައްގު ފުރިހަމައަށް ލިބިފައިނުވާނަމަ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
.jpeg?w=3840&q=75)






