.jpeg?w=3840&q=75)








މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމީ ލަފާގައި ބަޔާންކޮށްފައިވާ ގޮތުގައި، 15 ނޮވެމްބަރު 2026 ގެ ހެނދުނު 10:00 އިން ފެށިގެން 16 ނޮވެމްބަރު 2026 ގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ. އެގޮތުން، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންނާއި އާންމު ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
.jpeg?w=3840&q=75)



