



.jpg?w=3840&q=75)

ސްޕެއިން އާއި ޗެކް ރިޕަބްލިކް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ތިނެއްގައި މިރޭ ރަށުން ބޭރުގައި ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޕޭނުން ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މިމުބާރާތުގައި ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ އަތުން މޮޅުވެފައިވާއިރު، ޗެކް ރިޕަބްލިކް އެންމެ ފަހުން ކުޅުނު މެޗުގައި އިންގްލެންޑާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ޕްރާގްގެ އެޕެޓް އެރީނާގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެލެކްސް ބައޭނާއެވެ.
މިމެޗުގައި ޗެކް ރިޕަބްލިކަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ލަޑިސްލާވް ކްރެއިޗީއަށް ދެއްކި ރަތްކާޑާއެކު އެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކް ޕަބިލްއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިިންޓާއެކު ތާވަލުގެ އެއްވަނައިގައި ސްޕެއިން މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޗެކް ރިޕަބްލިކުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.







