








މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ޑުސިޓް ޑީ2 ފޭދޫގައި ފަށާނެއެވެ.
މިއީ މޯލްޑިވްސް ޕެންޝަން އޮފީހާއި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އިންތިޒާމުކުރާ ފޯރަމެކެވެ.
ތިމާވެއްޓާ ރައްޓެހި ފައިނޭންސިންގާއި މާލީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މިއީ 13 ވަނަ ފަހަރުކަމަށްވާއިރު، މި ފޯރަމް ކުރިއަށް ގެންދަނީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމެންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިޢާރުގެ ދަށުންނެވެ.
މި ބައްދަލުވުމުގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި ރެގިއުލޭޓަރުންނާއި ސަރުކާރުގެ މަންދޫބުންނާއި ވިޔަފާރި ދާއިރާގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ. ޤުދުރަތީ ވެށީގެ މައްޗަށް ބޮޑަށް ބަރޯސާވެފައިވާ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމާއި ބިނާވެށީގެ އިތުރުން ދިރިއުޅުމުގެ ފެންވަރަށް ކުރިމަތިވާ ނުރައްކާ ރާއްޖެއަށް ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން ދެމެހެއްޓެނިވި އިންވެސްޓްމެންޓު ނެރެ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި މުއައްސަސީ އިންވެސްޓަރުން ގުޅައިދެވޭ ގޮތްތައް ހޯދުމަކީ ފޯރަމްގެ މައިގަނޑު އެއް މަޤުޞަދެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއައްސަސީ އިންވެސްޓަރުގެ ގޮތުގައި ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، ދިގު މުއްދަތުގެ އިންވެސްޓްމެންޓް ސްޓްރެޓެޖީތައް ތިމާވެށީގެ އަދި އިޤުތިޞާދީ ހީނަރުކަމާ ކެތްކުރެވޭ ގޮތަށް ބައްޓަންކުރުން މުހިންމެވެ. ޕެންޝަން ފަންޑުތައް ފަދަ އިންވެސްޓަރުންނަށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރެވޭ ގޮތްތަކާ މެދު ވެސް މި ފޯރަމްގައި މަޝްވަރާ ކުރެވޭނެއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ އިޤުތިޞާދީ ދާއިރާތަކަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދެމެހެއްޓެނިވި އިންވެސްޓްމެންޓު އެއްކޮށް ދިގު މުއްދަތުގެ މާލީ ކުރިއެރުން ކަށަވަރުކުރުމަކީ ފޯރަމްގެ މަޝްވަރާތަކުގެ އެންމެ ބޮޑު އެއް އަމާޒެވެ.




