








ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އެ މަނިކުފާނު ވަނީ، ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ގާތްވަމުން ދާއިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢު ކުރަންޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤުބަލުގެ މޫނު އުޖާލާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭކަމަށާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ހުރަވީ ދުވަސް ނިސްބަތްވަނީ، މާލެ އަތޮޅު ހުރާއަށް އުފަންވެ ވަޑައިގެންނެވި އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީނުލް ހުރަވީއަށެވެ. ހުރަވީ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ޖުމާދަލް އާޚިރުމަހުގެ 3 ވަނަ ދުވަހުއެވެ. މިއީ، ހުރަވީ ދުވަހުގެ ހަނދާންތައް އައުކޮށް ބަތަލުންގެ ޒިކުރާ އަލާކުރުމުގެ ޚާއްސަ ދުވަހެކެވެ.




