
.png?w=3840&q=75)







މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ނޮވެމްބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކުރާ މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުންނެވެ.
14 ނޮވެމްބަރު 2026 ގައި ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދެކެމުން އަންނައިރު، މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓްގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ނިންމާފައި ވެއެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ހިމެނެއެވެ. މިއީ އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެއެވެ. ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށެވެ.
2012 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާއިމުކޮށްފައިވާ ގައުމީ ފެންވަރުގެ މަންސައެކެވެ.

.png?w=3840&q=75)






