
ޒުވާނުންގެ މާލީ އަދި ޒާތީ މުސްތަޤްބަލަށްޓަކައި ބޭނުންވާ ޢަމަލީ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ޕެންޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) ގުޅިގެން 'ފިއުޗަރ ފައުންޑޭޝަންސް' ގެ ނަމުގައި ސެޝަނެއް ބާއްވައިފިއެވެ.
10 ސެޕްޓެމްބަރ 2026 ގައި މީރުމާގައި ކުރިއަށްގެންދިޔަ މި ސެޝަންގައި 19 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.
ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ އަދި އަލަށް ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ ޒުވާނުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މި ސެޝަންގައި ދުޅަހެޔޮ ގުޅުންތަކާއި މާލީ ހޭލުންތެރިކަމުގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ޒުވާން އުމުރުގައި ވިސްނުންތެރިކަމާއެކު މުސްތަޤުބަލު ރޭވުމަށް ބޭނުންވާ ޢަމަލީ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ސެޝަންގެ މުހިންމު މަޤްސަދެކެވެ.
ސެޝަންގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ އެފް.ޕީ.އޭ އިންނެވެ. މި ބައިގައި ރަނގަޅުގޮތުގައި ގުޅުންތައް ދެމެހެއްޓުމާއި، ހެޔޮގޮތުގައި މުޢާމަލާތުކުރުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލިއެވެ. އަދި ހަރުދަނާ އިޖުތިމާޢީ ގުޅުންތަކެއް ބިނާކުރުމާއި، ފަހި މުސްތަޤުބަލަކަށް މަގުފަހިވާނޭ ފަދަ ނިންމުންތައް ނިންމުމާ ގުޅޭގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
ސެޝަންގެ ދެވަނަ ބައި، 'ސެކިއަރ ޓުމޯރޯ: އަންޑަސްޓޭންޑިންގ ޕާސަނަލް ފައިނޭންސް އެންޑް ޕްލޭނިންގ އަހެޑް'ގެ ނަމުގައި ކުރިއަށްގެންދިޔައީ ޕެންޝަން އޮފީހުންނެވެ. މި ބައިގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓްކުރުމާއި، ކްރެޑިޓާއި ދަރަންޏާއި، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ މައުލޫމާތު ހިއްސާކުރެވުނެވެ. ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކޮމްޕައުންޑް ރިޓާންސް އަދި ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުން މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތްތައް ވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާބެހޭ އަސާސީ މައުލޫމާތު ވެސް ފޯރުކޮށްދެވުނެވެ. މުސްތަޤުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް ހަގު އުމުރެއްގައި ރިޓަޔަރމަންޓަށް ޕްލޭންކުރަން ފެށުމުގެ މުހިންމުކަން މިސެޝަންގައި އަލިއަޅުވާފައިވެއެވެ.
ދިވެހިރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ޕެންޝަން އޮފީހުގެ މުހިންމު އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމުގައި، އެންމެ ޒުވާން އުމުރުފުރައިން ފެށިގެން ދޮށީ ޢުމުރުގެ ފަރާތްތަކާ ހަމައަށް، ތަފާތު އެކި އުމުރުފުރާތަކުގެ ދިރިއުޅުމުގެ ކަންކަމަށް ފެތޭ ގޮތަށް ޕްރޮގްރާމްތައް ފަރުމާކުރުމަކީ ޕެންޝަން އޮފީހުގެ ސިޔާސަތެކެވެ. ވިސްނުންތެރިކަމާއެކު މާލީ ނިންމުންތައް ނިންމުމަށް ބާރުއަޅައި، ރިޓަޔަރމަންޓަށް ވީހާވެސް ހަގު އުމުރެއްގައި ޕްލޭންކުރުމުގެ މުހިންމުކަން ފަހިކޮށްދިނުމުގެ ގޮތުން، މިފަދަ ސެޝަންތައް ޕެންޝަން އޮފީހުން ކުރިއަށްގެންދާނެއެވެ.
















