








އިންސާނާގެ ޙަޔާތުގައި އުފަލާއި ހިތާމައަކީ ބަދަލުވަމުން އަންނަ ދެ ޙާލަތެވެ. ނަމަވެސް، ހިތާމައިގެ ޝުޢޫރުތައް އާދައިގެ މިންވަރަށް ވުރެ އިތުރުވެ، ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ހުރަސްއަޅާ ހިސާބަށް ދިއުމަކީ ސީރިއަސް ނަފްސާނީ ބައްޔެއްގެ ފެށުމެވެ. މިގޮތުން، ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ މުޅި ދުނިޔޭގައި ވެސް އަދި މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ޢާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. މިއީ ހަމައެކަނި ވަގުތީ މާޔޫސްކަމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ފަރުވާ ބޭނުންވާ ޞިއްޙީ މައްސަލައެކެވެ.
ހިތާމަކުރުމުގެ ބައްޔަކީ އެކި މީހުންނަށް އެކި ގޮތަށް ކުރިމަތިވާ ކަމެކެވެ. ބައެއް މީހުންނަށް މި ބަލި ދިގުދެމިގެންދާ ދާއިމީ ކަމަކަށް ވާއިރު، އަނެއްބައި މީހުންނަށް މިއީ ދޭތެރެދޭތެރެއިން އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް، މިއީ އޭގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށާއި، މަސައްކަތުގެ މާޙައުލަށާއި، ޢާއިލީ ގުޅުންތަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ފޯރުވާ ބައްޔެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި މިހާރު ވެސް 350 މިލިއަނަށް ވުރެ ގިނަ މީހުން މި ބަލި ތަޙައްމަލު ކުރަމުން އެބަގެންދެއެވެ. އަދި އިންސާނާގެ ޢާންމު ޙަރަކާތްތަކުން އެއްކިބާކޮށް، ނުކުޅެދުންތެރިކަން މެދުވެރިކުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވެސް މި ބަލި ހިމެނެއެވެ. ޚާއްޞަކޮށް، ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.
މި ބައްޔަށް ފަރުވާ ކުރުމުގައި ބަލީގެ ދަރަޖައަށް ބެލުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން، އާދައިގެ ވަރަކަށް ބަލި ކުރިމަތިވެފައިވާ ޙާލަތްތަކުގައި، އެއްވެސް ބޭހަކާ ނުލައި، ހަމައެކަނި ފަންނީ ކައުންސެލިންގ ނަގައިގެން އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް، މެދު މިންވަރަކަށް ނުވަތަ މާ ބޮޑަށް ބަލި ކުރިމަތިވެއްޖެ ޙާލަތެއްގައި، ނަފްސާނީ ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ޤަވާޢިދުން ނަގަންޖެހެއެވެ. ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ އަވަހަށް ނުދެވިއްޖެނަމަ، މި ބަލި އޭގެ އެންމެ ނުރައްކާތެރި މަރުޙަލާއަށް ދެއެވެ. މި މަރުޙަލާގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ސިކުނޑީގައި އެނބުރި، އަމިއްލައަށް މަރުވުމަކީ ވެދާނެ އެންމެ ހިތާމަވެރި ނަތީޖާއެވެ. ހިތާމައަކީ، މިފަދަ ސަބަބުތަކާ ހުރެ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް މިލިއަނެއްހާ މީހުން އަމިއްލައަށް މަރުވަމުންދާ ކަމެވެ.
ހިތާމަކުރުމުގެ ބައްޔަކީ މީހަކު އަމިއްލައަށް ބޭނުންވެގެން ދިމާވާ ކަމެއް ނޫނެވެ. މިއީ މުޖުތަމަޢުގެ އަޅާލުމާއި، ޢާއިލާގެ އެހީތެރިކަމާއި، އަދި ޞިއްޙީ ފަރުވާ ނުހަނު ބޮޑަށް ބޭނުންވާ ބައްޔެކެވެ. އެހެންކަމުން، މި ބައްޔާ މެދު މުޖުތަމަޢު ހޭލުންތެރިވެ، ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ހިތްވަރުދީ، ފަރުވާއަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ އަދި އިޖުތިމާޢީ ޒިންމާއެކެވެ. އިސްލާމީ ރިވެތި އުޞޫލުތަކާ އެއްގޮތަށް، އެކަކު އަނެކަކަށް ހެޔޮފޯރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ މިފަދަ ހިތާމަވެރި ކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.




