



.jpg?w=3840&q=75)

ފްރާންސް އާއި އިޓަލީ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް އެކެއްގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިޓަލީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
މިމުބާރާތުގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ތުރުކީ އަތުން މޮޅުވެފައިވާއިރު، ފްރާންސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިލާންގެ ސަންސީރޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްރާންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭ އެވެ.
އިޓަލީ އިން ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. އަދި ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި މެޗުގެ ލީޑު ހޯދުމަށް އިޓަލީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.
ނަމަވެސް އެޓީމުގެ ސެބަސްޓިއާނޯ އެސްޕޮސީޓޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު، އޭގެ ތިން މިނެޓް ފަހުން ފެޑަރީކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޭވިޑް ފްރެޓެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
އިޓަލީ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން މިދެޓީމަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ އިޓަލީ އެވެ. ދެވަނައިގައި ފްރާންސް އޮތްއިރު، ފަސް މެޗުން ނުވަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބެލްޖިއަމް އެވެ. އަދި މިގުރޫޕްގެ ފުލުގައި އޮތީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ތުރުކީ އެވެ.







