



.jpg?w=3840&q=75)

އިނގިރޭސި ކެޕްޓަން ހެރީ ކޭން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ތިނެއްގައި ރޭ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ 2-1 ގެ ނަތީޖާއަކުން ބަލިކޮށް އިންގްލޭންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިމުބާރާތުގައި އިންގްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެކް ރިޕަބްލިކް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކްރޮއޭޝިއާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިން އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންގްލޭންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މޯގަން ރޮޖާއެވެ.
ކްރޮއޭޝިއާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޕެޓާ ސުސިޗްއެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން އިންގްލޭންޑަށް ލިބުނު ޕެނަލްޓީއެއްގައި ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ.
މިނަތީޖާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އިންގްލޭންޑް މިވަގުތު އޮތްެއިރު، މިމެޗުން ބަލިވި ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
މީގެ އިތުރުން މިމެޗަކީ އިނގުރޭސި ގައުމީ ޓީމަށް ހެރީ ކޭން ކުޅެދިން 126 ވަނަ މެޗެވެ. އަދި މިއާއެކު އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފް ކޭންއަށް ލިބިގެންދިޔައިރު، ކުރިން މިރެކޯޑް އޮތީ 1970 އިން 1990 އާއި ހަމައަށް އިނގިރޭސި ގައުމީ ޓީމަށް 125 މެޗު ކުޅުނު ގޯލް ކީޕަރު، ޕީޓާ ޝިލްޓަން އަތުގައެވެ.







