





.jpg?w=3840&q=75)


މުދައްރިސުންނަށް ތަމްރީންތައް ފޯރުކޮށްދިންނަމަވެސް ބޭނުންވާ ބައެއް އާލާތްތައް ނެތުމަކީ ގޮންޖެހުމެއް ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި އޭއައި ބޭނުން ކުރުމާ ގުޅޭގޮތުން އަހާ ފޯރަމްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ހުރި ވަޞީލަތްތައް ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި މުދައްރިސުންނަށް ބޭނުންވާ ކޮމްޕިޓަރ ފަދަ ވަޞީލަތްތައް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ މަސައްކަތް މިއަހަރު ނިމުމާއެކު ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ކޮންމެސްކޫލްއަކަށްވެސް މުދައްރިސުންނަށް ބޭނުންވާ ސިސްޓަމްތައް ބަހައްޓާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީ އަކީ ލެސަން ޕްލޭންއާއި ޓެސްޓް ޕޭޕަރު ތައްޔާރުކުރުން ފަދަ ކަންކަމަށް ހެޔޮ ބަދަލެއް އަންނާނެއެއްޗެއް ކަމަށެވެ. އަދި އޭއައިއޭއާއެކު ދުނިޔެ ވަރަށް ބޮޑަށް ބަދަލުވަމުންދާކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.
ވަޒީރު ޝަފީޢު ވިދާޅުވީ އެކި ޤައުމުތަކުގައި ތަޢުލީމީ ދާއިރާގައިވެސް އެ ނިޒާމް ބަދަލުކުރުމުންދާކަމަށާއި ރާއްޖެއަކީ ސެކަންޑަރީ އެޑިއުކޭޝަންއާއި ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގައިވެސް އިންޓަރނޭޝަނަލް ކަރިކިއުލަމްއެއް އޮންނަ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ޕްރައިމަރީ ކަރިކިއުލަމް އޮންނަނީ ސެކަންޑަރީ އެޑިއުކޭޝަންއާ ގުޅޭގޮތަށް ކަމަށާއި ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުން ރަސްމީ ތަޢުލީމުގެ ނިޒާމަށް ޓެކްނޮލޮޖީގެ އައު ބަދަލުތަކަށް ރާއްޖެ އޮންނަނީ އަބަދުވެސް ފަހިކޮށްކަމަށް ވެސް ވިދާޅުވިއެވެ.




