
ރައީސް މުއިއްޒު
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
ނޮވެމްބަރ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިްނެގ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.
މި ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ވަރަށް އިސްދައުރެއް އަދާކުރާ ގައުމެއްކަން އިޝާރާތްކުރައްވާ ވިދާޅުވީ ރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ވަރަށް ޒިންމާދާރުކަމާއެކު އިންޓަރނޭޝަނަލް ފްރަންޓުގައިވެސް އަދި ލޯކަލީވެސް މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ.
އެހެންކަމުން ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވީހާވެސް ގިނަ މަސައްކަތްތައް ކުރާ ބަޔަކަށްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެގޮތުން 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތާއިި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ދެއްވާ އިސްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުން ފަދަ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ ސިޑްސްގައި ހިމެނޭ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތައް ތަންފީޒުވަމުންދާ ވަރަކުން ރާއްޖެއަށް ފައިދާވަމުންދާނެ ކަމަށެވެ. އަދި އެކަމަށް ބާރުއަޅުއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި އެންމެ އިސްކަން ދެއްވަނީ ހާރިޖީ ސިޔާސަތާއި އެއްގޮތަށް ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މޯލްޑިވްސް ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ކަމަށެވެ.











.jpg?w=3840&q=75)




