



.jpg?w=3840&q=75)




-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ދިވެހިރާއްޖެއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި ގަސްތައް ދިވެހި ސަރުކާރާ ޙަވާލުކުރުމަށްޓަކައި އިއްޔެ ހުޅުމާލޭގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.
މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމެކެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ވެށި ފެހިކަންމަތީ ދެމެހެއްޓުމަށް އެޅިފައިވާ ފިޔަވަޅެކެވެ.
އިންޑިއާއިން މި ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ މާޙައުލާ ގުޅޭ، ފަސޭހައިން ހެދޭ ވައްތަރުތަކުގެ ގަސްތަކެއް ކަމަށްވާއިރު، މީގެ ސަބަބުން ރާއްޖޭގެ ފެހި މާޙައުލު އިތުރަށް ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރަކާއި ދިރުމެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން މިފަދަ ތިމާވެށީގެ މުހިންމު ދާއިރާތަކުން ކުރިއަށް އޮތްތަނުގައިވެސް އެއްބާރުލުން ލިބެމުންދާނެކަން މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.




.jpg?w=3840&q=75)



