
-
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން ދޭ ޝަރަފުވެރި "ރިވެލި އެވޯޑު 2026" ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޙާޞިލުކޮށްފިއެވެ.
ރިވެލި އެވޯޑަކީ މުޖުތަމަޢުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަދަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށާއި، އެމީހުން މުޖުތަމަޢުގައި ޝާމިލުކޮށް ބާރުވެރިކުރުވުމަށް އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތްތަކާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވަމުން އަންނަ ޤައުމީ ފެންވަރުގެ ޚާއްޞަ އިނާމެކެވެ.
އެޗްޑީސީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތައް ފަހިކޮށްދީ، ހަމަހަމަކަމާއި އޯގާތެރިކަމާއެކު އެންމެންނަށް ޝާމިލުވެވޭނެ އެކަށޭނަ މާޙައުލެއް ވަޒީފާގެ މައިދާނުގައި ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަންގެ ތަފާތު އެކި މަޤާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފަކު އަންނަނީ ޚިދުމަތް ކުރަމުންނެވެ. މީގެއިތުރުން، ކުންފުނީގެ ނިންމުންތަކުގައި އެފަދަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ހިމެނުމަށްޓަކައި "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ) އެމްބެސެޑަރުން" ގެ ގޮތުގައި ދެ މުވައްޒަފަކު ވަނީ އައްޔަންކޮށްފައެވެ.
ވަޒީފާގެ ވެށި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެޗްޑީސީގެ އޮފީސް އިމާރާތަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ފަރުމާކޮށްފައިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށްވެސް ފަސޭހައިން މަޢުލޫމާތު ލިބި، ސަމާލުވެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ.
ހުޅުމާލޭގެ ބިނާރާއި ޢުމްރާނީ ތަރައްޤީގެ މައިގަނޑު މަސައްކަތްތައް ކުރަމުން އަންނަ ކުންފުނީގެ ހައިސިއްޔަތުން، މާސްޓަރ ޕްލޭނާއި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ފުރިހަމައަށް ރިޢާޔަތްކުރާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، މަގުމައްޗާއި ޢާންމު ޕާކުތަކާއި އިމާރާތްތަކަކީ އެއްވެސް ހުރަހެއް ނެތި އެންމެހައި ރައްޔިތުންނަށް ފަސޭހައިން ވަދެނުކުމެ ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަކީ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ގެންގުޅޭ ދުރުވިސްނުމުގެ މުހިންމު ބައެކެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ޝަރަފުވެރި އެވޯޑް ލިބުމަކީ ހުޅުމާލެއަކީ އެންމެންގެ ބައިވެރިވުން އެކުލެވޭ، އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި، އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި އެ ކޯޕަރޭޝަން ދެމިއޮންނާނެއެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)






