






ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގަރލްސް ޓު ކޯޑް" ޕްރޮގްރާމް މިއަހަރު ވަނީ ބ. އޭދަފުއްޓަށް ތައާރަފްކޮށްފައެވެ.
"ގަރލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް 2019 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ވަރަށް ހާއްސަ ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ، ލާމު އަތޮޅު، ހއ. ދިއްދޫ އަދި މާލެ ސިޓީ ހިމެނެއެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ޒުވާން އަންހެން ކުދިން މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާފައިވެއެވެ.
އޭދަފުށީގައި ކުރިއަށްދާ މިއަހަރުގެ އެޑިޝަނުގައި، އޭއައި ހުނަރުތަކަށް އިތުރު ހާއްސަކަމެއްދީ ޕްރޮގްރާމްގެ މުގައްރަރަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. ހަތް ހަފުތާގެ މުއްދަތަށް "ހައިބްރިޑް" މޮޑެލްއަށް ކުރިއަށްދާ މި ޕްރޮގްރާމުގައި އަމަލީ ކުލާސްތަކާއި، ވަރޗުއަލް ސެޝަންތަކުގެ އިތުރުން މެންޓަރޝިޕް ސެޝަންތައް ހިމެނެއެވެ. 15 އަހަރާއި 35 އަހަރާ ދެމެދުގެ، ކޯޑިންގގެ ތަޖުރިބާއެއް ނެތް އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ނިމޭއިރު، ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓްތައް ތައްޔާރުކުރަން ދަސްވެގެން ދެއެވެ. އަދި މީގެ އިތުރުން، ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ލިބިގެންދެއެވެ.
އޭދަފުށީގައި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ 'ގަރލްސް ޓު ކޯޑް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ޑިޖިޓަލް ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި އޭއައި އަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މެންޓާޝިޕް އަދި ކެރިއާ ގައިޑެންސް ސެޝަންތަކުގެ ސަބަބުން ބައިވެރިންނަށް އަމަލީ މާހައުލުގައި ހުރި ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
"މި ޕްރޮގްރާމް އޭދަފުށީގައި ފަށައި، ވިމެން އިންޓެކް މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.''
ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ ދިރާގާ ގުޅިގެން މިއަހަރުގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމް ބ. އޭދަފުއްޓަށް ގެނެވުމުން އަޅުގަނޑުމެން ވަރަށް އުފާވާ ކަމަށާއި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ފޭލި ޖަމިއްޔާ، ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރު އަދި އޭދަފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހޫނު މަރުހަބާއަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން އިތުރު ޒުވާން އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވެ، ކޯޑިންގް އަދި އޭއައިގެ ހުނަރުތައް ވަރުގަދަކޮށް، އަދި ޑިޖިޓަލް ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އައު އުފެއްދުންތައް ބިނާކުރާނެ ބަޔަކަށް ވުމުގެ އިތުބާރާއި ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ.
މިއީ ފައިދާހުރި ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށާއި، ބައިވެރިން ހާސިލްކުރާނެ ކާމިޔާބީތައް ދެކެން އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ މުހިންމު ބައެއްގެ ގޮތުގައި "ޓެކް އެންޑް ބިޔޯންޑް" ގެ ހާއްސަ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ އިސްވެރިންނާއި ފަންނީ މާހިރުން ވަނީ މި ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.
ފަންނީ ތަމްރީނުތަކުގެ އިތުރުން، "ގަރލްސް ޓު ކޯޑް" އަކީ ޑިޖިޓަލް އަހުލުވެރިކަން އިތުރުކުރުމަށާއި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަކާލާތުކުރާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.






