





.jpeg?w=3840&q=75)


ވަކި ފަރާތަކަށް ނިސްބަތްކޮށް ދޮގު މަޢުލޫމާތު ފެތުރުމާއި، ދޮގު ޝާއިޢުކުރުމަކީ އަބުރާބެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި އިއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އަބުރާ ބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައަޅައި ހުށަހެޅި މިބިލަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ މަޤްސަދުގައި ހުށަހެޅި ބިލެއްކަމަށެވެ. އަދި ވަކި ފަރާތަކަށް ނިސްބަތްކޮށް ދޮގު މަޢުލޫމާތު ފެތުރުމާއި، ދޮގު ޝާއިޢުކުރުމަކީ އަބުރާބެހުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އަބުރާ ބެހުމަކީ ދީނުގައި ވެސް ނަހީކުރައްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދޮގު ވާހަކައެއް ފެތުރުމަކީ މީހުންގެ އަބުރަށް އަރައިގަތުންކަމަށާ، އެކަކު އަނެކަކުގެ އަބުރު ހިމާޔަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދޮގު ބަސް މީހަކާ ބެހޭ ގޮތުން ފެތުރުން. އެ އަމަލުގެ ސަބަބުން މުޖުތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރާތްތަކުގެ މެދުގައި އެ ބަސް ރައްދުވި ފަރާތާ މެދު ދެކޭ ގޮތް ބަދަލުވުމާއި، އެކަން ކަމަށް ރިއާޔަތްކުރެވޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ޤާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މިބިލުގެ މަޤްސަދަކީ މުޖުތަމަޢުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤާއި، ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ޤާއިމްކުރުމާއި، އަބުރާބެހެވުނު ފަރާތަކަށް އެކަމުގެ ހަޤީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރުމެވެ.
ހަަމައެހެންމެ، އަބުރާބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައެޅުމަކީ ބިލުގެ މުހިންމު މަޤްސަދެކެވެ. އެ ބިލުގައި އަބުރާ ބެހުމަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ. އަދި އަބުރާ ބެހުން ކަމަށް ބެލެވޭނެ ހާލަތުތައް ތަފްސީލުކޮށްދިނުމުގެ އިތުރުން، އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މަޢާފަށް އެދުމާއި، ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ބިލުގައި ހިމަނާފައިވެއެވެ.
އަބުރާ ބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.








