





.jpeg?w=3840&q=75)

ބަޔަކު ޒަކާތް ދައްކަނީ
2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު %13.9 އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތަފާސްހިސާބު ރިޕޯޓް ދައްކާގޮތުން، 2026ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތައިގެ ކުރިއެރުމެކެވެ.
2026 ވަނަ އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުން، މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޒަކާތު ހައުސްއިންވަނީ ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބަހާފައެވެ.
އެހީގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެއީ 9.08 މިލިއަން ރުފިޔާއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާވަނީ ބަހާފައެވެ.
މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އެސް.އޭ.ޕީ (SAP) ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެއް ކަމުން، ފަހުން ގެނެވޭ ބަދަލުތަކަކާ ގުޅިގެން ނުވަތަ އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި ތަފާސްހިސާބުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.







