


.jpeg?w=3840&q=75)





ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ، މި ޤައުމުގައި އިސްލާމީ ޝަރީޢާ ހިނގަންޖެހޭނެ ކަމަށާއި، އެހެންކަމުން މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެކަން ކުރަން ނުކެރި ނުވަތަ ނުކުރެވި އޮތް ކަމަކަށް ވާތީ ކަމަށެވެ. އަދި މިފަދަ މުހިންމު ކަމެއް ތަންފީޒުކުރުމަކީ އިސްލާމީ ޤައުމެއްގައި ލާޒިމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނުގައިވެސް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 178 އަދި 179 ވަނަ އާޔަތުގައި ޤިޞާޞް ހިފުން ވާޖިބުކުރައްވާފައިވާކަން ފާހަގަކުރައްވައި، "ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް ވަރަށް ބޮޑު ދިރުމެއްވެއެވެ" މިފަދައިން މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ނަޞީފެވެ.
"މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު" ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނެ ހަމައެކަނި ވަސީލަތަކީ ދަންޖެއްސުމެވެ. އަދި ދަންޖައްސައިގެން އަދަބު ތަންފީޒުކުރަން ވާނީ ކުށްވެރިޔާއަށް ވީހާވެސް ވޭން ކުޑަވާނެ އަދި އަވަހަށް ފުރާނަ ނެތިގެންދާނެ ފަދަ ގޮތަކަށް، އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ އޮފިސަރުން މެދުވެރިކޮށް ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.



.jpeg?w=3840&q=75)
