


.jpeg?w=3840&q=75)





އިމިގްރޭޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުގައި އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެވުން މަނާކަން ބަޔާންކޮށްފައިވަނީ އެއީ ސަރުކާރުގެ ސާފު ސިޔާސަތަކަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ ބިލުގައި އެކަން އެގޮތަށް ހިމެނީ އެއީ ސައްތައިން ސައްތަ ދިވެހި ރައްޔިތުން ތާއީދުކުރާ އަދި ބަލައިގަންނަ ނިންމުމަކަށް ވާތީ ކަމަށެވެ.
މީގެއިތުރުން ވަކި ކަމެއް ޚާއްސަ ނޫން ނަމަވެސް މިފަދަ ނިންމުމެއް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތައް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ކުރަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ކޯޓުތަކުގައި މި މައްސަލައިގައި ރާއްޖޭން ވަކާލާތުކޮށްފައިވާނެ ކަމަށާއި، ދުނިޔޭގެ އެކި މައިދާންތަކުގައި ފަލަސްތީނުގެ ހައްޤުގައި ރާއްޖޭގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމެއްކަމަށް ބަޔާންކޮށްފައިވަނީ، ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ޚާއްސަ އަދި އާންމު އުސޫލުތައް ކަނޑައެޅުމެވެ. އަދި ބިދޭސީން ރާއްޖެއަށް އައުމާއި ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކުގެ އިތުރުން، ރާއްޖެއަށް އައުމާއި ތިބުމުގެ ހުއްދަ ނެތް ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމެވެ.



.jpeg?w=3840&q=75)




