




.png?w=3840&q=75)



އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން- ފޮޓޯ: ޒަކާތު ހައުސް
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026 ގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން އިއުލާންކޮށްފި އެވެ.
މި ކޮންފަރެންސް އޮންނަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހު، ހެނދުނު 8:30 އިން ހަވީރު 7:00 އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގަ އެވެ.
ޒަކާތު ހައުސްއިން ބުނީ "ދިވެހިރާއްޖޭގެ ހާލަތާއި ދުނިޔޭގެ އާ އީޖާދުތައް: މާލީ ގޮތުން ފުދުންތެރިކުރުވުމުގެ ކާމިޔާބު ޕުރޮގުރާމުތައް އިތުރަށް ތަރައްޤީކޮށް އާންމުކުރުން' މި ނަމުގައި ކުރިއަށްގެންދާނެ ސެޝަނުގައި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބާރުވެރިކުރުވުމަށާއި އިޖުތިމާއީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޒަކާތުގެ ދާއިރާގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާއާއި އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ މަންދޫބުން އެއްތަންވާނެ ކަމަށެވެ.
އެގޮތުން މި ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ)ގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދާއި، ޚިދުމަތް ޖަމްޢިއްޔާގެ ބާނީ އަދި އިންސާނީ ޚިދުމަތްތެރިޔާ ޢަބްދުއްސަމީޢު އަޙްމަދާއި، ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ބީ.އެމް.އެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ވަލީދާ ޢަބްދުއްރަޙްމާން އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހްރާ މުޙައްމަދު ކަމަށް ޒަކާތު ހައުސްއިން ހާމަކުރެ އެވެ. އަދި މި މަޝްވަރާ ސެޝަންގެ މޮޑަރޭޓަރަކީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢިނާޔާ މޫސާ އެވެ.
މި ފޯރަމްގެ މި ސެޝަންގައި ޒަކާތާ ބެހޭ ރަސްމީ އިދާރާތަކާއި، އިންސާނީ އެހީތެރިކަމުގެ ހަރަކާތްތަކާއި، އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަންކޮށްދޭއިރު، މިއީ މުޖުތަމަޢު ބިނާކުރުމަށް ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާތަކުގެ އަލީގައި، މާލީ ގޮތުން ބާރުވެރިކުރުވުމަށް އެންމެ އެދެވޭ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރާނެ ސެޝަނެކެވެ.
މީގެއިތުރުން ޒަކާތު ހައުސްއިން ބުނީ ހަމައެކަނި ވަގުތީ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒަކާތް ހައްގުވާ ފަރާތްތަކަށް އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، މާލީ މިނިވަންކަން ހޯދައި، އިގްތިސޯދުގައި ފުރިހަމައަށް ހިއްސާވެވޭނެ ފަދަ ދެމެހެއްޓެނިވި ހައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި މަޝްވަރާގައި އަލިއަޅުވާލާނެ ކަމަށެވެ. އަދި އަމަލީ ތަޖުރިބާތަކާއި އާ އީޖާދީ ގޮތްތައް ހިއްސާކޮށް، ކާމިޔާބު މަސައްކަތްތައް އިތުރަށް ފުޅާކޮށް ދިވެހި މުޖުތަމައުގެ ބޭނުންތަކާ އެއްގޮތަށް އެކަންކަން ބައްޓަންކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރާނެކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.








%20(3).jpeg?w=3840&q=75)